އިންޓަނޭޝަނަލް ބްރޭކުގައި ޕޯޗުގަލް ގައުމީ ޓީމާއެކު ހޭދަކުރުމަށްފަހު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރިލީޒް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯއަށް ކުރީބައިގައި ރިލީޒް ދިނީ އޭނާގެ އެދުމުގެ މަތިންނެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާއި އެކު ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ހުރުމުންނާއި އަދި އޭނާގެ ފުރަތަމަ މެޗަށް ވަގުތު ދިނުމުގެ ގޮތުންކަމަށް ވެއެވެ.

މީގެއިތުރުން ކޮލިފައިންގައި އަޒެރްބައިޖާން އާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެތީ އެވެ. އެއީ އެންމެފަހުން އަޔަލޭންޑް މެޗުގައި ދެއްކި ރީނދޫ ކާޑާއެކު ސަސްޕެންޑުވުމުންނެވެ.

ރޮނާލްޑޯއަށް ރިލީޒް ދިންއިރު ޕޯޗުގަލް އިން ތައްޔާރުވަނީ ދެ މެޗެއް ކުޅުމަށެވެ. އެއީ އަންނަ ހޮނިހިރު ދުވަހު ގަތަރާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އަންނަ އަންގާރަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި އަޒެރްބައިޖާން އާއި ދެކޮޅަށް ކުޅޭ މެޗެވެ.

ރޮނާލްޑޯ ވަނީ އިއްޔެ ވޯލްޑްކަޕް ކޮލިފައިންގައި އަޔަލޭންޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު ލީޑުގައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށްގެން ޕޯޗުގަލް މޮޅުކޮށްދީ ދުނިޔޭގެ ރެކޯޑެއް ހަދާފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު ފަސް ފަހަރު ހާސިލްކޮށްފައިވާ ރޮނާލްޑޯ ވަނީ މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި ރެކޯޑު ކުރިން އޮތީ އީރާނުގެ ލެޖެންޑް އަލީ ދާއީ އަތުގައެވެ. އަލީ ދާއީގެ ފުޓުބޯޅަ ހަޔާތް 2006 ވަނަ އަހަރު ހުއްޓާލިއިރު އޭނާ ވަނީ އީރާން ގައުމީ ޓީމަށް ކުޅެދިން 149 މެޗުން 109 ލަނޑު ޖަހާފައެވެ. ރޮނާލްޑޯ މި ރެކޯޑު އުމުރުން 36 އަހަރުގައި މުގުރާލިއިރު، އޭނާ މި ރެކޯޑު މުގުރާލީ 180 މެޗުންްނެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ޕޯޗުގަލް ގައުމީ ޓީމަށް 111 ލަނޑު ޖަހާފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މާދަމާގެ ވަގުތެއްގައި ރޮނާލްޑޯ ރަސްމީކޮށް ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާނެއެވެ. އެކަމުގެ ތައްޔާރީތައް ޔުނައިޓެޑުން ކުރިޔަށްގެންދަން ނިންމާފައިވަނީ ކުލަގަދަކޮށް ކަމަށް ހަބަރު ލިބެއެވެ.

އުމުރުން 36 އަހަރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.