މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންކުރާނީ އޭނާ ކުރިންވެސް ބޭނުންކުރި 7 ނަންބަރު ޖާރޒީކަން ކަށަވަރުވެއްޖެ އެވެ.
މި ޖާރޒީގައި މިހާތަނަށް ކުޅުނީ އުރުގުއޭގެ ތަރި އެޑިސަން ކަވާނީ އެވެ. ރިޕޯޓުތައް ބުނާގޮތުން ކަވާނީ ވަނީ މި ނަންބަރު ރޮނާާލްޑޯއަށް ދޭން ނިންމިކަން ހާމަކޮށްފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ 2003 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުމަށްފަހު އޭނާ 2008 ގައި ކުލަބު ދޫކޮށްލިއިރު ވެސް ބޭނުންކުރީ 7 ނަންބަރު ޖާރޒީ އެވެ. އޭގެފަހުން ރެއާލް މެޑްރިޑާއި ގުޅުމަށްފަހު ޖެހިގެން އައި އަހަރު ބޭނުންކުރީ 7 ނަންބަރެވެ. ރޮނާލްޑޯ އެ ޓީމާއި ގުޅުނުއިރު މި ނަންބަރު ބޭނުންކުރީ ރައުލް އެވެ.
މި ނަންބަރު ރޮނާލްޑޯއަށް ހާއްސަކުރުމަށް މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ކަވާނީ ދެން ބޭނުންކުރާނީ އޭނާގެ ރަސްމީ ނަންބަރު ކަމަށްވާ 21 އެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޮނާލްޑޯގެ ޑީލް ނިންމަން ޔުނައިޓެޑުން ޔުވެންޓަސްއަށް 12.8 މިލިޔަން ޔޫރޯ ވަނީ ދައްކާފައެވެ.
ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން އިން އެންމެ ފުރަތަމަ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ 2003 ވަނަ އަހަރުއެވެ. އެއީ އޭރުގެ ރެކޯޑު ފީއެއް ކަމަށްވާ 12.24 މިލިއަން ޕައުންޑަށެވެ. އެ ކުލަބުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އޭނާ އެނބުރި ޔުނައިޓެޑަށް އައީ 12 އަހަރަށްފަހުއެވެ.
ޔުނައިޓެޑުގައި ރޮނާލްޑޯ 2003 އިން 2009 އަށް ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެއް ފަހަރު ޗެމްޕިއަންސް ލީގު، ތިން އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް އަދި ލީގު ކަޕް ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި 292 ގޯލު ޖަހާފައެވެ.