މިފަހަރުގެ ވޯލްޑް ކަޕް ވެގެން ގޮސްފައި މިވަނީ ހެއްވާ މަޖާ ކަންތައްތައް ވެސް ހިނގާ، މުނިފޫހި ފިލާ ފަދަ ވޯލްޑް ކަޕަކަށެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް އާއި އިންގްލެންްޑް ކުޅުނު މެޗުގައި ވެސް މިފަދަ ކަމެއް ވަނީ ހިގާފައެވެ.

ރޭގެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ބެލްޖިއަމްއެވެ. ދެ ޓީމު ވެސް ބެންޗު ޓީމާއެކު ނުކުތް މި މެޗުގެ ހަމައެކަނި ގޯލު ޖަހާފައި ވަނީ ކުރިން އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އަދްނާން ޔަނޫޒައި އެވެ. ޔަނޫޒައިގެ ގޯލު ހިތްގައިމު ނަމަވެސް އެންމެގެ ސަމާލުކަން ހުއްޓިފައި ވަނީ ގޯލަށް ފަހު ހިނގައި ދިޔަ ކަމަކަށެވެ.

ގޯލު ޖެހުމަށް ފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާފާޅު ކުރަމުން ދުވި އިރުު އެ ޓީމުގެ ފޯވަޑް މިޗީ ބަޓްޝުއާއީ އުފާ ފާޅު ކުރަން އުޅުނީ ދެވަނަ ފަހަރަށް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމަށް ފަހުއެވެ. އޭނާ ބޯޅައިގައި ޖެހީ ދާގަނޑުގެ ތެރެއަށް ފޮނުވާލުމަށް ނަމަވެސް ބޯޅަ ވަނީ ގޯލުގެ ދަނޑީގައި ޖެހި އޭނާގެ މޫނުމަތީގައި ބާރަށް ޖެހިފައެވެ.

މި މަންޒަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެޗު ބަލަން ތިބި އެތައް ބަޔަކަށް ފެނުނު އިރު އެކަން ވެގެން ދިޔައީ ހެއްވާ މަޖާ ކަމަކަށެވެ. ބަޓްޝުއާއީގެ "ސެލެބްރޭޝަން" ވަގުތުން މީސް މީޑިއާގައި ވައިރަން ވާން ފެށިއެވެ.

މިހާރު ފުޓުބޯޅައަށް ސަޕޯޓު ކުރާ އެތައް ބަޔަކު މީސް މީޑިއާގައި ގޮވާލަމުން ދަނީ ބަޓްޝުއާއީގެ "ސެލެބްރޭޝަން" ފީފާ 19 ގޭމަށް ގެނައުމަށެވެ. ސެޕްޓޭމްބަރު މަހުގެ ތެރޭގައި ނެރޭ ފީފާ 19 ގޭމުގައި އެ ސެލެބްރޭޝަން ހިިމަނަން އީއޭ ސްޕޯޓްސް އިން ނިންމާނެ ކަމަށް ގިނަ ބަޔަކު ދެކެއެެވެ.

ރޭގެ މެޗަށް ފަހު ބެލްޖިއަމް ދެވަނަ ބުރަށް ކޮލިފައި ވެފައިވާއިރު ދެވަނަ ބުރުގައި އެ ޓީމު ނުކުންނަން ޖެހޭނީ ޖަޕާނާއި ދެކޮޅަށެވެ.