ހަށިގަނޑު ފަލަކަށް ބުނާމީހުން އެ ދައްކަނީ ރަނގަޅު ވާހަކައެއް ނޫންކަމަށާއި ފަލަކަމަށް ދައްކަނީ ލާ ޖާރޒީގެ ސަބަބުން ކަމަށް ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

މި ހޫނު މޫސުމުގެ ބްރޭކަށްފަހު ނޭމާ ފަލަކަމަށް ބުނެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އޭނާއަށް ފާޑުކިޔަމުންނެވެ. މީސްމީޑިއާގައި ހިޔާލުފާޅުކޮށްފައިވާ ބައެއް މީހުން ބުނާގޮތުގައި ނޭމާގެ ކުރީގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

މި ވާހަކަތަކަށް ބާރުލިބެނީ ބްރޭކަށްފަހު ފްރެންޗް ލީގުގައި ނޭމާ އެންމެ ފަހުން ކުޅުނު މެޗުގައި އޭނާގެ ފިޓްނަސް ލެވެލްއާއި ހަށިގަނޑަށް އައި ބަދަލެވެ. ފްރާާންސްގެ މީޑިއާތަކުން އެކި ގޮތްގޮތަަށް މި ވާހަކަތައް ދަނީ ދައްކަމުންނެވެ. އެ މެޗުގެ ދެވަނަ ހާފުގައި ނޭމާ ވަނީ ބަދަލުކޮށްފައެވެ. ނޭމާގެ ބަދަލުގައި ކުޅެން އެރުވީ މެސީ އެވެ.

ދެވަނަ ހާފުގައި ނޭމާ ބަދަލުކުރި އިރު އޭނާއަށް ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އާންމުކޮށް އިދިކޮޅު ޓީމުތައް ފޫއަޅުވާލާ އެތެރެއަށް ދެމިގަތުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔާ މި މެޗުގައި ފެނުނީ ދުވުންތައް މަދުކޮށް ޕާސްތައް ދޭ ތަނެވެ. މީސްމީޑިއާގައި ޝުއޫރު ފާޅުކުރި މީހުން ބުނާގޮތުގައި މިއީ ޕާޓީކުރުމަށް ދެވިހިފާފައިވާ ކުޅުންތެރިޔާ އެކަމަށް މާ ބޮޑަށް ސަމާލުކަން ދޭތީ ވާ ކަމެއް ކަމަށެވެ. މީގެކުރިން ވެސް ނޭމާ ވަނީ ޕާޓީކުރަން ބޭނުންވެ ޕީއެސްޖީގެ މުހިއްމު މެޗުތަކެއް ކަޓުވާލާފައެވެ.

މި ވާހަކަތަކަށް ކެތްނުވެގެން އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވަނީ ޝުއޫރުތައް ބަންޑުންކޮށްލާފައެވެ. ނޭމާ ބުނީ އޭނާ ފަލަކަމަށް ދައްކަނީ ލައިގެން ހުރި ޖާރޒީގެ ސަބަބުން ކަމަށާއި އޭނާ ލައިގެން ހުރީ ލާޖް ސައިޒުގެ ޖާރޒީއެއް ކަމަށެވެ. އަދި އާންމުކޮށް ލަނީ މީޑިއަމް ސައިޒުގެ ޖާރޒީއެއް ކަމަށާއި ކުރިޔަށްއޮތް ތަނުގައި ބޭނުންކުރާނީ މީޑިއަމް ޖާރޒީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ސިނގު ބަނޑެއް ހުއްޓަސް އަހަރެންވެސް ފަލައެއްނޫން! މީހުން ހަސަދަވެރިވާތީ އެހެން ކިޔަނީ!

    12
    2