ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ކޮލިފައިންގައި ގަދަ ދެ ބާރު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ މެޗު ކުޅެމުންދަނިކޮށް ބްރެޒިލްގެ ފުލުހުން ދަނޑަށް އަރާ މެޗު ހުއްޓުވައިފިއެވެ.

ބްރެޒިލްގައި މި މެޗު ކުޅެމުންދާއިރު މައުލޫމާތު ލިބޭގޮތުގައި ފުލުހުން ދަނޑުމައްޗަށް އަރާ މެޗު ހުއްޓުވީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ބްރެޒިލްއަށް އެތެރެވުމުގައި ދޮގު މައުލޫމާތު ދިންކަމުގެ ކުށުގައެވެ. މި ހަތަރު ކުޅުންތެރިން މިހާރު ތިބީ ބްރެޒިލް ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ބްރެޒިލް ފުލުހުން މިހާރު ދަނީ ހައްޔަރުކުރި ކުޅުންތެރިން އެ ގައުމުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހައްޔަރުކުރި ކުޅުންތެރިންނަކީ އިނގިރޭސިވިލާތުން ބްރެޒިލްއަށް އެތެރެވި އާޖެންޓީނާގެ ކުޅުންތެރިންނެވެ. އެއީ އެސްޓަންވިލާ އަށް ކުޅެމުން އަންނަ އެމިލިއާނޯ ބުއެންޑިއާ އާއި އެމިލިއާނޯ މާޓިނޭޒްގެ އިތުރުން ޓޮޓެންހަމްގެ ޖިއޮވާނީ ލޮކެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އެވެ.

މީގެތެރެއިން މެޗު ފެށީ ތިން ކުޅުންތެރިންނާއެކު އެވެ. ބްރެޒިލް ފުލުހުން އަދި އެ ގައުމުގެ ސިއްހީ އޮފިޝަލުން ދަނޑުމައްޗަށް އެރީ މެޗު ފަށައިގެން ހަވަނަ މިނެޓުގައެވެ. މިކަން ވުމާއިއެކު އެ ބައްރުގެ ފުޓުބޯޅައިގެ މައި އިދާރާއިން ވަނީ މި މެޗު ސަސްޕެންޑުކޮށްފައެވެ. މެޗު އަލުން ކުޅޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް ބުނެއެވެ.

ބްރެޒިލްގެ އިން ނެރެފައިވާ ރެޑް ލިސްޓުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އިނގިރޭސިވިލާތުން ބްރެޒިލްއަށް އެތެރެވާ މީހެއް ނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް މި ހަތަރު ކުޅުންތެރިން ބްރެޒިލްއަށް އެތެރެވެ ކަރަންޓީނެއް ނުވެއެވެ. މި ހަަތަރު ކުޅުންތެރިން ހައްޔަރުކުރީ ކަރަންޓީނު އުސޫލާއި ހިލާފުވުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އާޖެންޓީނާއިން އެ ހަތަރު ކުޅުންތެރިން ސްކޮޑުގައި ހިމަނާ މި މެޗުގައި ކުޅުވަން ނިންމީ ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން އެކަމަށް ހުއްދަ ދިނުމުންނެވެ. މިކަމާއި ގުޅިގެން އާޖެންޓީނާގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ. އެ ޓީމުން ތުހުމަތުކުރާ ގޮތުގައި މިއީ ކޮޕާ އެމެރިކާގެ ފައިނަލުގައި އާޖެންޓީނާ އަތުން ބްރެޒިލް ބަލިވުމުން ކުރި ކަމެއް ގޮތުގައެވެ.