ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ކޮލިފައިންގައި ގަދަ ދެ ބާރު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ މެޗު ކުޅެމުންދަނިކޮށް ބްރެޒިލްގެ ފުލުހުން ދަނޑަށް އަރާ މެޗު ހުއްޓުވާލި މައްސަލައިގައި ފިޔަވަޅު އަޅާތޯ ނިންމާނީ މެޗް އޮފިޝަލް ރިޕޯޓު ދިރާސާކުރުމަށްފަހު ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ބުނެފިއެވެ.

ބްރެޒިލް އާއި އާޖެންޓީނާ މި މެޗު ކުޅެމުންދަނިކޮށް ފުލުހުން ދަނޑުމައްޗަށް އަރާ މެޗު ހުއްޓުވީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ބްރެޒިލްއަށް އެތެރެވުމުގައި ދޮގު މައުލޫމާތު ދިންކަމުގެ ކުށުގައެވެ. ބްރެޒިލް ފުލުހުން މިހާރު ދަނީ ހައްޔަރުކުރި ކުޅުންތެރިން ވަނީ އެ ގައުމުން ޑީޕޯޓުކޮށްފައެވެ.

ހައްޔަރުކުރި ކުޅުންތެރިންނަކީ އިނގިރޭސިވިލާތުން ބްރެޒިލްއަށް އެތެރެވި އާޖެންޓީނާގެ ކުޅުންތެރިންނެވެ. އެއީ އެސްޓަންވިލާ އަށް ކުޅެމުން އަންނަ އެމިލިއާނޯ ބުއެންޑިއާ އާއި އެމިލިއާނޯ މާޓިނޭޒްގެ އިތުރުން ޓޮޓެންހަމްގެ ޖިއޮވާނީ ލޮކެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އެވެ. މީގެތެރެއިން މެޗު ފެށީ ތިން ކުޅުންތެރިންނާއެކު އެވެ.

މިކަމާއި ގުޅިގެން ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ ގަދަ ދެ ބާރެްގެ ކުރިމަތިލުން ކުރިޔަށްދަނިކޮށް މިފަދަ މަންޒަރެއް ފެނުމުން ހިތާމަކުރާ ކަމަށެވެ. އަދި މެޗު އޮފިޝަލުންގެ ރިޕޯޓު ދިރާސާކޮށް ޑިސިމްޕިނަރީ އިދާރާތަކާއި މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.

ބްރެޒިލް ފުލުހުން އަދި އެ ގައުމުގެ ސިއްހީ އޮފިޝަލުން ދަނޑުމައްޗަށް އެރީ މެޗު ފަށައިގެން ހަވަނަ މިނެޓުގައެވެ. މިކަން ވުމާއިއެކު އެ ބައްރުގެ ފުޓުބޯޅައިގެ މައި އިދާރާއިން ވަނީ މި މެޗު ސަސްޕެންޑުކޮށްފައެވެ. މެޗު އަލުން ކުޅޭނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް ބުނެއެވެ.

ބްރެޒިލްގެ އިން ނެރެފައިވާ ރެޑް ލިސްޓުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އިނގިރޭސިވިލާތުން ބްރެޒިލްއަށް އެތެރެވާ މީހެއް ނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް މި ހަތަރު ކުޅުންތެރިން ބްރެޒިލްއަށް އެތެރެވެ ކަރަންޓީނެއް ނުވެއެވެ. މި ހަަތަރު ކުޅުންތެރިން ހައްޔަރުކުރީ ކަރަންޓީނު އުސޫލާއި ހިލާފުވުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އާޖެންޓީނާއިން އެ ހަތަރު ކުޅުންތެރިން ސްކޮޑުގައި ހިމަނާ މި މެޗުގައި ކުޅުވަން ނިންމީ ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން އެކަމަށް ހުއްދަ ދިނުމުންނެވެ. މިކަމާއި ގުޅިގެން އާޖެންޓީނާގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ. އެ ޓީމުން ތުހުމަތުކުރާ ގޮތުގައި މިއީ ކޮޕާ އެމެރިކާގެ ފައިނަލުގައި އާޖެންޓީނާ އަތުން ބްރެޒިލް ބަލިވުމުން ކުރި ކަމެއް ގޮތުގައެވެ.