ޔުވެންޓަސް ދޫކޮށް 12 އަހަރަށްފަހު ކުރީގެ ކުލަބް މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުމަށްފަހު ފުރަތަމަ ފަހަރަށް ކުލަބުގެ ފަރިތަކުރުންތަށް ކުރިޔަށްގެންދާ ކެރިންގްޓަން ގައި ކުލަބުގެ ކޯޗު ސޯލްޝެއާ އާއި ކުޅުންތެރިންނާއި ބައްދަލުކޮށްފި އެވެ.

ޔުނައިޓެޑުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ރޮނާލްޑޯ އެ ޓްރެއިނިން ސެންޓަރަށް ގޮސް އެންމެ ފުރަތަމަ ބައްދަލުކުރީ ކޯޗު އޮލެ ގުނަ ސޯލްޝެއާ އާއެވެ. ރިޕޯޓުތައް ބުނާގޮތުން ކޯޗާއި ބައްދަލުކުރުމަށްފަހު ރޮނާލްޑޯ ވަނީ ކުލަބުގެ ފަރިތަކުރުންތަކުގައި ތިބި ބައެއް ކުޅުންތެރިންނާއި ބައްދަލުކޮށްފައެވެ.

ރޮނާލްޑޯ ޔުނައިޓެޑުގެ ޓްރެއިނިން ސެންޓަރަށް އައީ ފަސް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށްފަހު އެވެ. އެއީ އިނގިރޭސިވިލާތުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ރަށުންބޭރުން އަންނަ ކޮންމެ މީހަކު ފުރިހަމަކުރަން ޖެހޭ ކަރަންޓީނު މުއްދަތެެވެ.

ކުލަބުގެ ގިނަ ކުޅުންތެރިން މިވަގުތު ތިބީ އިންޓަނޭޝަނަލް ބްރޭކުގައި އެ ކުޅުންތެރިން ނިސްބަތްވާ ގައުމީ ޓީމާއެކު އެވެ. އެ މެޗުތައް ނިމުމާއެކު އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެގަޑިން 19:00 ގައި ޔުނައިޓެޑު ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ. މި މެޗުގެ ޓީމު ލިސްޓުގައި ރޮނާލްޑޯ ހިމެނެއެވެ. ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުމާއި މެދު އަދި ޓީމުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

މި މެޗަށްފަހު ޔުނައިޓެޑަށް ދެން ކުރިޔަށްއޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައި ރަށުންބޭރުގައި ބައްދަލުކުރާނީ ސްވިޒަލޭންޑުގެ ޔަންގް ބޯއިސް އާއެވެ.

ހަތް ނަންބަރު ޖާރޒީގައި ރޮނާލްޑޯ ކުޅޭއިރު، ރޮނާލްޑޯ ނިއުކާސަލް މެޗުގައި ފެންނާނެކަމަށް ހީކޮށް ގިނަ އަދަދެއްގެ ޔުނައިޓެޑުގެ ސަޕޯޓަރުންއެ މެޗުގެ ޓިކެޓު ކަޅުބާޒާރުގައި ވިއްކަމުންދާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. މި ޓިކެޓުތަކުގެ އަގު ކަޅުބާޒާރުގައި އެންމެ މަތިކޮށް އުޅެނީ 2500 އާއި 2600 ޔޫރޯއާއި ދެމެދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ މި މެޗުގެ ޓިކެޓުގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުންނެވެ.

މިކަން ފަޅާއެރުމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. މި ބަޔާނުގައި އެ ކުލަބުން ބުނެފައިވަނީ ކަޅު ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗުގެ ޓިކެޓު ބޮޑު އަގުގައި ވިއްކާކަން ހާމަވެފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރަން އެދޭކަމަށެވެ. އަދި ޔުނައިޓެޑުގެ ސަޕޯޓަރުން މިފަދަ ކަންކަމުން ދުރުވެ ތިބުމަށްވެސް އެދިފައިވެއެވެ.

ޔުނައިޓެޑުގެ ބަޔާނުގައި ވަނީ މިއީ ކުލަބު ދެކެ ލޯބިވާ އެއްވެސް މީހަކު ކުރާނެ ކަމެއް ނޫން ކަމަށާއި މިހާރުން މިހާރަށް އެކަން ކުރާ މީހުން ހުއްޓާލުމަށް އެދޭކަމަށެވެ. ނުހުއްޓައިފިނަމަ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެކަމަށް ވެސް މި ބަޔާނުގައިވެއެ

ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޮނާލްޑޯގެ ޑީލް ނިންމަން ޔުނައިޓެޑުން ޔުވެންޓަސްއަށް 12.8 މިލިޔަން ޔޫރޯ ވަނީ ދައްކާފައެވެ.

ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން އިން އެންމެ ފުރަތަމަ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވީ 2003 ވަނަ އަހަރުއެވެ. އެއީ އޭރުގެ ރެކޯޑު ފީއެއް ކަމަށްވާ 12.24 މިލިއަން ޕައުންޑަށެވެ. އެ ކުލަބުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އޭނާ އެނބުރި ޔުނައިޓެޑަށް އައީ 12 އަހަރަށްފަހުއެވެ.

ޔުނައިޓެޑުގައި ރޮނާލްޑޯ 2003 އިން 2009 އަށް ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެއް ފަހަރު ޗެމްޕިއަންސް ލީގު، ތިން އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަޕް އަދި ލީގު ކަޕް ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި 292 ގޯލު ޖަހާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު