އަންނަ މަހު މާލޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަް ތައްޔާރުވާން ޓީމު ގަތަރަށް ފުރުމުގެ ކުރިން 30 ކުޅުންތެރިންނަށް މަދުކޮށްލި ސްކޮޑުން މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) ނަން އުނިކޮށްފިއެވެ.

ޖުމްލަ ފަސް ކުޅުންތެރިއެއް މި ސްކޮޑުން ވަނީ ބާކީކޮށްފައެވެ. ބަކާ އާއި އިރޭގެ އިތުރުން ސްކޮޑުން ދެން ބާކީކުރި ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ މުހައްމަދު އަޖުފާން އާއި އިމްރާން ނަޝީދު (އިންމަ) ގެ އިތުރުން ކުލަބް ގްރިންސްޓްރީޓްސްގެ މުހައްމަދު ސާއިފު އެވެ.

އުމުރުން 36 އަހަރުގެ ބަކާ އަކީ ރާއްޖޭގެ ގައުމީ ޓީމުގެ މެދުތެރޭގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ. ނިމިދިޔަ އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި އީގަލްސް އާއި ބެންގަލުރު ބައްދަލުކުރި މެޗުގައި ވެސް ބަކާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ބަކާ އަކީ 2018 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ.

ގަތަރު ޓްރެއިނިން ކޭމްޕަށް ގައުމީ ޓީމު ފުރާނީ އަންނަ ހުކުރު ދުވަހު އެވެ. މި ޓްރެއިނިން ކޭމްޕުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަަށް ހަަމަޖެހިފައިވެއެވެ. ގަތަރުގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދާއިރު، ޕްރެކްޓިސް މެޗުތަކެއް ކުޅެން ވަނީ ރާވައިފަ އެވެ. ޓީމު އެނބުރި މާލެ އަންނަން މިހާރު ނިންމާފައި އޮތީ މި މަހު 28 ވަނަ ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ފަރިތަކުރުންތަކުގެ ތެރެއިން އިރޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މުބާރާތަށް އެކުލަވާލާ ފައިނަލް ސްކޮޑު އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ގަތަރު ކޭމްޕަށްފަހު ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ލީގު އުސޫލުން ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 1 ގެ ރޭގަނޑު އެވެ.

ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޓީމުގެ ކޯޗިން ޓީމުގައި މިފަހަރު ހިމެނެނީ ދިވެހި ތަޖުރިބާކާރު ޓީމެކެވެ. ވަގުތީ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ އަލީ ސުޒެއިން އެވެ. އެސިސްޓަންޓް ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ) ކީޕަރު އިމްރާން މުހައްމަދެވެ. ގޯލްކީޕަރު ޓްރޭނަރަކަށް އަސްލަމް އަބްދުއްރަހީމް އާއި އިމްރާން މުހައްމަދު ހަރަކާތްތެރިވާނެ އެވެ. އަދި ޓީމުގެ ޑޮކްޓަރަކީ ޑރ.ރާފިއު އެވެ.

ރާއްޖެއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޑިފެންޑިން ޗެމްޕިއަނުންނެވެ. 2018 ގައި ބޭއްވި އެ މުބާރާތް ރާއްޖެ ކާމިޔާބުކުރީ ގަދަބާރު އިންޑިއާ ބަލިކޮށްގެންނެވެ. އޭގެކުރިން 2008 ގައިވެސް ރާއްޖެ ވަނީ ސާފް ޗެމްޕިއަންޝިޕް އުފުލާލާފައެވެ.