ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަނުގެ ޔޫރަޕު ކޮލިފައިންގައި ރޭ 1-1 އިން އެއްވަރުގެ އިންގްލޭންޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު ނިމުމަކަށް އަތުވެއްޖެ އެވެ.

މިި މެޗުގައި އިންގްލޭންޑުގެ ރެކޯޑު ނިމުމަކަށް އައީ ޕޮލޭންޑުން ފަހަތުން އަރާ ނަތީޖާ ހަމަހަމަކުރުމާއި އެކުއެވެ. އެހެން މެޗުތަކާއި ހިލާފަަށް މި މެޗުގައި އިންގްލޭންޑްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

ޕޮލެންޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކުން ލަނޑެއް ކާމިޔާބުނުކުރެވެ އެވެ. އެންމެ ފުރަތަމަ ލީޑު މި މެޗުގައި އިންގްލޭންޑުން ލީޑު ނެގީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.

މެޗުގައި ޕޮލޭންޑުން ނަތީޖާ ހަމަހަމަކުރީ 72 ވަނަ މިނެޓުގައެވެ. މި ލަނޑު ޑެމިއަން ޒިމަންސްކީ ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ އަބަދަށްފެހި ކެޕްޓަން ރޮބަޓް ލެވަންޑޯސްކީގެ އެހީއާއެކު އެވެ.

މި މެޗުން އެއްވަރުވި ނަމަވެސް އިންގްލޭންޑް އޮތީ ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނައިގައެވެ. އެއީ ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އަލްބޭނިއާ އޮތީ ކުޅުނު ހަ މެޗު 12 ޕޮއިންޓާއެކު އެވެ. އެ ޓީމުވަނީ ސެން މަރީނޯ 5-0 އިން ބަލިކޮށްފައެވެ. ތިންވަނައިގައި ޕޮލޭންޑް އޮތީ 11 ޕޮއިންޓާއެކު އެވެ.

މީގެއިތުރުން ރޭ އިޓަލީ ވަނީ އެ ޓީމުގެ ރެކޯޑު ދަމަހައްޓާފައެވެ. އެއީ ލިތުއޭނިއާ 5-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި އިޓަލީގެ ލަނޑުތައް ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ދެ ލަނޑު ޖެހި މޮއިސް ކީން އާއި ޖިއަކޯމޯ ރަސްޕަޑޯރީ އަދި ޖިއޮވާނީ ޑި ލޮރެންޒޯ އާއި ރަސްޕަޑޯރީ އަދި ލިތުއޭނިއާ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރަސްޕަޑޯރީ ލަނޑު ޖެހުމަށްފަހު އިޓަލީ ކުޅުންތެރިން އުފާފާޅުކުރަނީ

އިޓަލީން ވަނީ އެންމެފަހުން ކުޅުނު މެޗުގައި ބަލިނުވެ 37 މެޗު ފުރިހަމަކޮށްފައެވެ. މިއީ ޔޫރޯގެ ޗެމްޕިއަނުންނަށް ރެކޯޑެެކެވެ. އަދި އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ކޮލިފައިން ގްރޫޕް ސީގެ އެއް ވަނައިގައި އިޓަލީ އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ޖޭގެ އެއް ވަނައިގައި އޮތް ޖަރުމަނުން ވަނީ ރޭ އައިސްލެންޑް އަތުން 4-0 އިން މޮޅުވެފަ އެވެ. ޖަރުމަނުގެ ގޯލުތައް ޖެހީ ސާޖް ގްނަބްރީ، ލެރޯއި ސާނޭ އަދި ޗެލްސީގެ ދެ ކުޅުންތެރިން ކަމަށްވާ އެންޓޯނިއޯ ރޫޑިގާ އަދި ޓީމޯ ވާނާ އެވެ.

މީގެއިތުރުން ސްޕެއިން ވަނީ ކޮސޯވޯ 2-0 އިން ބަލިކޮށްފައެވެ. ލަނޑުތައް ޖެހީ ޕަބްލޯ ފޯނާލްސް އާއި ފެރާން ޓޮރޭޒްއެވެ. ޑެނިސް ޕްރައެޓްގެ ހަމައެކަނި ލަނޑުން ބެލްޖިއަމް ވަނީ 1-0 އިން ބެލަރޫސް ބަލިކޮށްފައެވެ.