އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ އަބަދުވެސް މޮޅުވުމަށް ވިސްނާ ލީޑަރެއް ކަމަށް އެ ގައުމުގެ މިޑްފީލްޑަރ އެވާ ބެނޭގާ ބުނެފިއެވެ.

ވޯލްޑްކަޕްގެ ގަދަ 16 ގައި މިއަދު ފްރާންސާއި ދެކޮޅަށް އާޖެންޓީނާ ނުކުންނަ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބެނޭގާ ބުނީ އާޖެންޓީނާއިން މުބާރާތް ފެށި އިރު މެސީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނަ ކަމަށާއި ނަމަވެސް މިހާރު މެސީގެ ފަރާތުން ތަފާތު ފެންނަމުން އަންނަ ކަމަށެވެ. އަދި މެސީ އަކީ އަބަދުވެސް މޮޅުވުމަށް ވިސްނާ ލީޑަރެއް ކަމަށްވެސް ބެނޭގާ ވަނީ ބުނެފައެވެ.

"އަހަރެމެންގެ ހުރީ އަބަދުވެސް މޮޅުވުމަށް ވިސްނާ ލީޑަރެއް. އެ ލީޑަރުގެ ފަރާތުން މޮޅުވުމަށް އެހެން ކުޅުންތެރިންނަށް ހިތްވަރު ލިބިގެން ދިޔަ" ބެނޭގާ ބުނެފައިވެއެވެ.

އަދި މެސީ ވަނީ އާޖެންޓީނާއާއި އެކު ރަނގަޅު މެޗެއް ކުޅެފައިކަމަށާއި އުންމީދަކީ މެސީ އެ ގޮތުގައި ދެމިހުރުން ކަމުގައިވެސް ބެނޭގާ ބުނެފައިވެއެވެ.

އަދި މެސީ ފަދަ ތަޖުރިބާކާރު ކުޅުންތެރިޔަކާއި އެކުގައި ކުޅެލަން ލިބުމަކީ ފަހުރެއް ކަމަށާއި މެސީއާއި އެކު އާޖެންޓީނާ ވޯލްޑްކަޕްގެ ރަނގަޅު ހިސާބަކަށް ގެންދިޔުމުގައި އަބަދުވެސް އެހީތެރިވުމުގައި ދެމިހުންނާނެ ކަމަށް ބެނޭގާ ވަނީ ބުނެފައެެވެ.

ބެނެގާގެ އިތުރުން އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޯލީވެސް ވަނީ މެސީއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އެގޮތުން މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސަމްޕައޯލީ ބުނީ މެސީ އަކީ މުޅި އާޖެންޓީނާގެ ޓީމަށް ލިބިގެން ދިޔަ ހިތްވަރެއް ކަމަށާއި މެސީ އަކީ ޖީނިއަސް އެއް ކަމަށެވެ. އަދި މިއަދުގެ މެޗުގައިވެސް މެސީގެ ފަރާތުން ތަފާތު ފެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައި ކޯޗް ސަމްޕައޯލީ ވަނީ ބުނެފައެވެ.