އާޖެންޓީނާގެ ބަތަލު ޑިއޭގޯ މެރެޑޯނާއަށް ރަޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ މެޗުތައް ބެލުމުގައި އަހުލާޤު ހިފެހެއްޓުމަށް ފީފާގެ ޗީފް ކޮލިން ސްމިތް ނަސޭހަތްތެރި ވެއްޖެއެވެ.

އެގޮތުން ރަޝިއާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ކޮލިން ބުނީ މެރެޑޯނާއަކީ ވޯލްޑްކަޕް ޕްރޮމޯޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރަން ޖެހޭނެ ފަރާތެއްކަމަށާއި މެރެޑޯނާއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށެވެ.

އަދި އާޖެންޓީނާއާއި ނައިޖީރިއާ ބައްދަލުކުރި މެޗުގައި މެރެޑޯނާގެ ފަރާތުން ފެނިގެން ދިޔަ ދަށު ދަރަޖައިގެ އަމަލުތަށް ތަކުރާރު ނުކުރުމަށް ކޮލިން ވަނީ ނަސޭހަތްތެރިވެއެވެ.

އަދި ފީފާއިން އެދެނީ ހުރިހާ ކުޅުންތެރިންވެސް އަދި ކުރީގެ ބަތަލުންވެސް އަހުލާޤު ހިފަހައްޓައި ނަމޫނާ ބަޔަކަށް ވުން ކަމުގައި ފީފާއިން ވަނީ ބުނެފައެވެ.

މެރެޑޯނާއަށް ފީފާއިން ނަސޭހަތްތެރިވެފައި މިވަނީ ނައިޖީރިއާ އާއި ދެކޮޅަށް އާޖެންޓީނާ ނުކުތް މެޗުގެ 88 ވަނަ މިނެޓްގައި މާކޮސް ރޯހޯ ޖެހި ގޯލާއި އެކު މެދު ކޮޅަށް ތެދުވެ އިނގިލީގެ އިޝާރާތުން ބޭއަދަބީ ބަހެއް ބުނުމުންނެވެ. އަދި މެޗު ކުރިއަށް ދިޔަ ވަގުތުގައި ސިނގިރޭޓް ބުއިމާއި މަސްތީހާލުގައި ގިނަ ވަގުތު ހޭދަކުރުންވެސް އެއީ ސަބަބެއްކަމުގައި ފީފާއިން ބުނެއެވެ.

1986 ވަނަ އަހަރު އިންގްލެންޑާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު ފައިނަލްގައި އަތުން ގޯލެއް ޖަހައި އާޖެންޓީނާއަށް ވޯލްޑްކަޕްގެ ތަށި ހޯދައިދިން މެރެޑޯނާ މަޝްހޫރުވެފައިވަނީ " ހޭންޑް އޮފް ގޯޑް" ގެ ނަމުންނެވެ.

މީގެ ކުރިން އަާޖެންޓީނާއަށް ކޯޗުކަންވެސް ކޮށްދީފައިވާމެރެޑޯނާއަކީ މީގެ ކުރިންވެސް އަހުލާޤީ މައްސަލަތަށް އޮންނަ ބަތަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޠަގީން

    އަހުލާގީ ފެންވަރު ނިކަން ދަށް މީހެއް.....އަބަދު ބޮއެގެން

  2. 3ނިރު

    އެއވެސްތާކުން ތާކުންތާކު ޖެހޭ މީހެއްނޫން