ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލި ފަހުން އިޓާލިއަން ލީގުގައި ޔުވެންޓަސް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ ޓީމު ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

އިޓާލިއަން ލީގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ ނާޕޮލީ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގައި ޔުވެންޓަސްގެ ފަރާތުން ފެންނަނީ ދަށް ކުޅުމެކެވެ. އިޓާލިއަން ލީގުގައި ޔުވެންޓަސް މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެއް ނުވެއެވެ.

ނިމުނު ޓްރާންސްފަރ ބާޒާރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށް އޭނާގެ ކުރީގެ ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައެވެ. އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އެނބުރި ޔުނައިޓެޑަށް ދިޔައިރު، އޭނާ ނެތި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ބަލިވީ އެމްޕޯލީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ރަނގަޅަށް ފެށީ ޔުވެންޓަސް އެވެ. ކުރިޔަށް ޖެހިގެން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހަން ކުރި މަސައްކަތުން މެޗު ފަށައިގެން ދިހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. ފުރަތަމަ ހާފު ނިމުނީ ޔުވެންޓަސް ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ނާޕޮލީން ނަތީޖާ އަނބުރާލީ އިތުބާރާއެކު އެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ނާޕޮލީ އިން ވަނީ މެޗުގެ ނަތީޖާ އެއްްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޕޮލިޓާނޯ އެވެ. މެޗުު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ނާޕޮލީ މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ކަލިދޫ ކުލިބާލީ އެވެ.

މި ބައްޔާއެކު ޔުވެންޓަސް އޮތީ އިޓާލިއަން ލީގުގެ ތާވަލުގެ 16 ވަނައިގައެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެވެ. ނާޕޮލީ އޮތީ ތާވަލުގެ އެއްވަނައިގައެވެ.