އެންމެ ލޯބިވާ ކުލަބަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހޭނެކަމަށް އުއްމީދުނުކުރާ ކަމަށާއި މިއީ ޔުނައިޓެޑުގެ ކާމިޔާބީތަކުގެ އާ ފެށުމަކަށް ވާނެކަމުގެ ބޮޑު އުއްމީދެއްކުރާ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޖުމްލަ 12 އަހަރަށްފަހު އެނބުރި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުމަށްފަހު ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު ފުރަތަމަ މެޗު ޔުނައިޓެޑު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ. މިއީ ފަހުގެ ތާރީހެއްގައި ޔުނައިޓެޑުގެ ސަޕޯޓަރުން އެންމެ ފޯރި ހިއްޕާލި އެއް މެޗެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީވެސް ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. ކީޕަރު އަތުން ދޫވި ބޯޅައެއް ހޯދާ ރޮނާލްޑޯ މި ގޯލު ކާމިިޔާބުކުރީ ފަސޭހަކަމާއެކު އެވެ. ފުރަތަމަ ހާފު ނިމުނީ ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑު ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ނިއުކާސަލް ވަނީ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް އޭގެ ހަ މިނެޓު ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގަައިދީފައެވެ. މިއީ ކީޕަރު ދެފައި ދޭތެރެއިން ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗަށްފަހު ރޮނާލްޑޯ ވަނީ އޭނާގެ ޝުއޫރުތައް ބަންޑުންކޮށްލާފައެވެ. ރޮނާލްޑޯ ބުނީ އެއްްވެސް އިރަކު މި މެޗުގައި ލަނޑު ޖެހިދާނެ ކަމަށް އުއްމީދުނުކުރާ ކަމަށާއި މެޗާއި ކުރިމަތިލި އިރުވެސް ޖެހިލުންވި ކަމަށެވެ.

"ވަރަށް ޖެހިލުންވެ ހުރެ މި މެޗާއި އަހަރެން ކުރިމަތިލީ، މިއީ އާދަޔާހިލާފު ކަމެއް، އަހަރެން ހާސްވެފައި ހުރި ވަރު ފަހަރެއްގަ މީހަކަށް ނޭނގިދާނެ، ދެ ލަނޑު ޖެހުމަކީ އަހަރެން އުއްމީދުކުރި ކަމެއްވެސް ނޫން،" ރޮނާލްޑޯ ބުންޏެވެ.

އުމުރުން 18 އަހަރުގައި ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވި ފަހުން އެ ކުލަބުން އޭނާއަށް އަދާކޮށްދިން މެހެމާންދާރީއަށް ޝުކުރުއަދާކުރާ ކަމަށާއި އެނބުރި އަންނަން ޖެހުނު މައިގަނޑު އެއް ސަބަބަކީވެސް އެއީ ކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި މޮޅަކުން ފެށުމަކީ ލިބުނު ބޮޑު ފަހުރެއް ކަމަށާއި އެންމެ އުފާވަނީ ޓީމު މޮޅުކޮށްދިނުމުގައި ދައުރެއް އަދާކުރެވުމުން ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އިނގިރޭސި ފުޓުބޯޅައަކީ ތަފާތު ފުޓުބޯޅައެއް ކަމަށާއި ދުނިޔޭގެ ވަރުގަދަ އެހެން ލީގުތަކުގައި ކުޅުނު ނަމަވެސް އަދިވެސް އިނގިރޭސި ލީގު ވަރުގެ ހާއްސަ ލީގެއްގައި މިހާތަނަށް ނުކުޅެވޭކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޮނާލްޑޯގެ ޑީލް ނިންމަން ޔުނައިޓެޑުން ޔުވެންޓަސްއަށް 12.8 މިލިޔަން ޔޫރޯ ވަނީ ދައްކާފައެވެ.