ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުން ކެޓުމަށް ފަހު އެނބުރި ގައުމަށް ދިޔުމުން އިރާން ގައުމީ ޓީމަށް ސަޕޯޓަރުންގެ ފަރާތުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި އިރާން ޖެހުނީ ޔޫރަޕުގެ ގަދަ ބާރު ކަމަށްވާ ޕޯޗުގަލް އަދި ސްޕެއިން އާއި އެއް ގުރޫޕެއްގައެވެ. ނަމަވެސް މޮޅު ކުޅުމެއް އިރާންގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ. ގުރޫޕް ސްޓޭޖު ފަށައިގެން އައީ އިރާން ސަޕޯޓަރުންގެ ފަރާތުން ތަފާތު މަންޒަރު ތަކަކާއި އެކު މޮރޮކޯ ބަލި ކުރުމަށްފަހުގައެވެ.

2016 ވަނަ އަހަރު ޔޫރަޕުގެ ޗެމްޕިއަން ކަން ހޯދި ޕޯޗުގަލް އާއި ކުޅެ އެއްވަރު ކޮށް ހިއޭރޯގެ ސްޕެއިން އަތުން އިރާން ބަލިވީ ހަނި ގޮތަކަށެވެ. ގުރޫޕް ސްޓެޖު ނިމިގެން ދިޔަ އިރު އިރާން އަށް ލިބިފައި ވަނީ 4 ޕޮއިންޓެވެ. ނަމަވެސް އިރާން ޓީމުން ކުރި ހިތްވަރަށް އެޓީމު ސަޕޯޓަރުން ވަނީ ތައުރީފު ކޮށްފައެވެ. ހަމަ އެހެންމެ އިރާންގެ ކީޕަރު ވަނީ ދުނިޔޭގެ ނަން މައްޝޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީ އެއް ވެސް ދިފާއު ކޮށްފައެވެ.

އިރާން ގައުމީ ޓީމު ތެހްރާން އެއާޕޯޓުގައި ޖެއްސި ވަގުތު އެތައް ހާސް އިރާން ސަޕޯޓަރުން ވަނީ ޓީމު ކުޅުންތެރިންނަށް މަރުހަބާ ކިޔަން އެއާޕޯޓަށް ގޮސްފައެވެ. ކުޑަ ކުދިން ވެސް ވަނީ އެއާޕޯޓުގެ ފެންސު މަތިން ކުޅުންތެރިންނަށް މާފަތި ދީފައެވެ.

މީގެ އިތުރުން އިރާންގެ ކީޕަރު، އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުޑައިރު ގެއިން ފިލައިގެން ގޮސްފައި ވާއިރު އޭނާގެ ވާހަކަ ވަނީ ދުނިޔެއަށް މައްޝޫރު ވެފައެވެ. އޭރު ހުވަފެން ހަގީގަތަކަށް ހަދަން ގެއިން ފިލައިގެން ދިޔަ އަލިރެޒާ ބެއިރަންވަންޑް ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ޕެނަލްޓީ ދިފާއު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު