ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އުމުރުން 18 އަހަރުގެ އެމާ ރެޑްކާނީ ހޯދާ ތާރީހުގެ ފޮތްތަކުން ޖާގަ ހޯދައިފިއެވެ.

ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން އެމާ ހޯދީ ފައިނަލުގައި ކެނެޑާގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ކަމަށްވާ އުމުރުން 19 އަހަރުގެ ލައިލާ ފެނާންޑޭޒް ބަލިކޮށްގެންނެވެ. އޭނާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އެމާ ގެންދިޔައީ 6-4 އަދި 6-3 އިންނެވެ.

މި މުބާރާތް އެމާ ކާމިޔާބުކޮށްފައިވަނީ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުންވެސް އެއްވެސް ސެޓެއް އިދިކޮޅު ކުޅުންތެރިޔާއަށް ނުދީ އެވެ. މިއީ ޓެނިހުގެ ތާރީހުގައި ވެސް ބޮޑު ރެކޯޑެކެވެ.

މި ބޮޑު ކާމިޔާބީއާއެކު އެމާ ވެެގެންގޮސްފައިވަނީ 44 އަހަރަށްފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ އިނގިރޭސި އަންހެން ކުުުޅުންތެރިޔާ އަށެވެ. މީގެއިތުރުން ކޮލިފައިން ބުރުން ފެށިގެން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. މީގެއިތުރުން 2004 ގެ ފަހުން މި ކާމިޔާބީ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައެވެ. މި ޝަރަފު ކުރިން އޮތީ ޓެނިހުގެ ރަން ތަރި ސެރީނާ ވިިލިއަމްސް އަތުގައި އެކަންޏެވެ.

އެމާ އެންމެ ފުރަތަމަ ފަހަަރަށް ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކަށް ނުކުތީ ވިމްބަލްޑަން ޓެނިސް މުބާރާތުގައެވެ. އެކަމަކު އެ މުބާރާތުގެ ގަދަ 16 ބުރުގެ މެޗުގެ ތެރެއިން ކުރިމަތިވި ސިއްހީ ކަމަކާއި ގުޅިގެން ކުޅުމާއި ދުރަށް ދިޔައެވެ. އެ މެޗު އޭނާ ދޫކޮށްލަން މަޖުބޫރުވީ ނޭވާ ކުރުވާތީ އެވެ.

ކިޔެވުމުުގައި ވެސް އެމާ އަކީ ނަމޫނާއެކެވެ. އޭނާ ވަނީ ދެ މަހެއްހާ ދުވަސްކުރިން ބޭއްވި އޭލެވަލް ޓެސްޓުގައި އިކޮނޮމިކްސް އަދި ހިސާބުން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

މި ކާމިޔާބީއާއެކު އެމާ މިހާރު ވަނީ ދުނިޔޭގެ ޓެނިސް ރޭންކިންގެ 23 ވަނައަށް ޖެހިލާފައެވެ.