ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިިޕްގެ ތީމަކަށް "މަގޭ މަހަލްދީބް" ހަމަޖައްސައި މުބާރާތުގެ ރަސްމީ ސްލޯގަން އަކަށް "ތިންވަނަ ފަހަރު، މީއެ ފަހަރު" އިއުލާނުކޮށް މުބާރާތުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

މި ބޮޑު ކެމްޕޭން ލޯންޗުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް އާއި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގެންނެވި އެވެ.

ބޭރުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ވޯލްޑްކަޕް އަދި ޔޫރޯ ފުޓުބޯޅަ މުބާރާތްތަކުގައި ބޭނުންކޮށްފައިވާ ތީމްތަކުން ނަމޫނާއަކަށް ބަލާ، ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ދިވެހިވަންތަ ވައްޓަފާޅިއަށް ެ ބަދަލުކުރުމަށްފަހު ރާއްޖޭގެ މާކެޓިންގެ ތަޖުރިބާކާރެއް ކަމަށްވާ ނިއުޝާދުގެ އާރުކާޓީގެ ދަށުން ހިންގާ "ނޯވާ އެސޯސިއޭޓްސް" އިން ވަނީ ރާއްޖެއިން މިހާތަނަށް މުބާރާތެއް ޕްރޮމޯޓުކުރާ އެންމެ މަތީ ފެންވަރުގައި މި މުބާރާތުގެ ހަރަކާތްތައް ރާވާފައެވެ.

މިގޮތުން މުބާރާތަށްް ހާއްސަކޮށް ހާއްސަަ އިޝްތިހާރުތަކެއް ނޯވާ އެސޯސިއޭޓްސް އިން ވަނީ ތައްޔާރުކޮށްފައެވެ. މި އިޝްތިހާރުތައް ބޭނުންކުރުމުގެ ފުރުސަތު ދިވެހި ހުރިހާ މީޑިއާތަކަށް ހުޅުވާލެވޭނެ އެވެ. މީގެއިތުރުން މުބާރާތުގައި ރާއްޖެއިން ބޭނުންކުރާނެ ހާއްސަ "ފަރުމާ" ނުވަތަ ތީމް ވަނީ ދައްކާލާފައެވެ. މި ފަރުމާގައި ދިވެހިރާއްޖޭގެ ރީތިކަމާއި ތަފާތުކަން ވަރަށް ބޮޑަށް ރަމްޒުކޮށްދެއެވެ.

މުބާރާތުގައި ބޭނުންކުރާނެ މެސްކޮޓް އަކަށް ދީފައިވާ ނަމަކީ "ސްނެޕާ" އެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމަށް ދީފައިވާ ރެޑް ސްނެޕާސް ނަމުގެ މިސާލުން ތައްޔާރުކޮށްފައިވާ މެސްކޮޓެކެވެ. އެފްއޭއެމުން ބުނީ ކެމްޕެއިންގެ ބްރޭންޑް އުސޫލުތައް ބޭނުންކޮށްގެން މި މުބާރާތުގެ ކެމްޕެއިން ހަރަކާތްތައް ކޮންމެ ބަޔަކަށްވެސް ބޭނުންކުރެވޭނެ ކަމަށެވެ. މީގެތެރޭގައި ރަށު އަދި އަތޮޅު ކައުންސިލްތަކާއި އަމިއްލަ އަދި ސަރުކާރު ކުންފުނިތައް ހިމެނެއެވެ.

ރާއްޖެއިން ވަނީ މި މުބާރާތް މިހާތަނަށް ދެ ފަހަރު ކާމިޔާބުކޮށްފަައެވެ. އެއީ ލަންކާ އާއި ރާއްޖެ ގުޅިގެން 2008 ގައި ބޭއްވި މުބާރާތާއި ބަންގާޅުގައި 2018 ގައި ބޭއްވި މުބާރާތެވެ. މި ދެ ފަހަރުވެސް ރާއްޖެ ތަށި އުފުލާލީ އިންޑިއާ ބަލިކޮށްގެންނެވެ. ރާއްޖެއަކީ މުބާރާތުގެ ޑިފެންޑިން ޗެމްޕިއަނުންނެވެ. އެހެންކަމުން މުބާރާތުގެ ސްލޯގަން އަކަށް "ތިންވަނަ ފަހަރު، މީއެ ފަހަރު" ހަމަޖެއްސީ ތިންވަނަ ފަހަރަށް މި ތަށި ރާއްޖެއިން ހޯދުމުގެ އަޒުމުގައެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ކުރިޔަށްދާނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ. ލީގު އުސޫލުން ފަސް ގައުމު މި މުބާރާތުގައި ވާދަކުރާއިރު މިއީ ރާއްޖެއިން އެކަނި މި މުބާރާތް ހޯސްޓުކުރާ ފުރަތަމަ ފަހަރެވެ. މިފަހަރު މުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ކޮން މަހަލްފީބެއް.މިއީ ދިވެހި ރާއްޖެ. އިންޑިޔާގެ "ދީބް" އެއް ނޫން. މި ރައީސްމީހާގެ ބަލާވެރިކަން ހާދަ ބޮޑުވެއްޖެއޭ.

    37
    1
    • އަޒުޝާން

      މިހިރަ ފެންނަނީ ހަގީގަތް ހާމަވަމުން މިދަނީ..މިމީހުން އުޅެނީ މިތަން މަހަލްދީބައް ހަދަން..އިންޑިޔާގެ މަހަލްދީބައް.. ފިކުރުކޮއްބަލަ.

      19
  2. ސޯޓު

    މަހީކުރީ މަގޭ އަދީބުއޭ ބުނަން އުޅެނީ ކަމަށް!

  3. އަހުމަދު

    ހާދަ އިންޑިޔާވަންތަ ނަމެކެކޭ!!

    12
    • Anonymous

      ލަކްޝަދީބް ކިޔާތީ، އިންޑިޔާގެ ދަށުގަ އޮތް ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ދެއްކުމަށް "ދީބް" ފަހަތަށް މިލަނީ. ދިވެހިން ހަމަ ނިދާފަ ނޫނީ ސޯޝަލްމީޑިޔާއަށް ހުސްވެގެން ތިބޭނީތަ؟ ބަލަ ކޮންމެ މީހެއްގެވެސް ދަރިން ދިރިއުޅެން އޮތް ގައުމޭ މިއީ.. މިގައުމުގައި މިހާރު މިތިބަ ގައްދާރު ހާއިނުން އަހަރެމެންގެ މި ގައުމު އަޅުވެތި ކުރަނީއޭ.. ނުކުމެ މިކަން ހުއްޓުވާނީ ހިންދޫންތައް އަރާ ދިވެހިން ރޭޕްކޮށް އަންދާ ހުސްކުރަން ފެށީމަތަ؟

  4. އަލިބެއްޔާ

    "އައްދައުލަތުލް މަޙަލް ދީބިއްޔަ" ދިވެހިރާއްޖޭގެ ޤައުމީ ނިޝާނުގަ ލިޔެފައިވާ ލިއުން ކޮޅެއް.. މިއަދަކު އިއްޔެ އަކު ކިޔާ ނަމެއް ނޫން.. އެކުވެރިކަމަކީ ގަދަފަދަ ބާރެއް.. ވަކިވެގަތުމަކީ ނިކަމެތިކަމެއް.. ނަމަވެސް، ބައެއްގެ އުގަށް ވެއްޓި، އެބަޔަކު ބޭނުންހާ ގޮތެއް ހެދިގެން އޮންނަ އޮތުން ދައުލަތުގެ ވެރިން ހުއްޓާލަންވެއްޖެ.. މިއަދު ތިކުރަމުން އަންނަ ކަންކަމުގެ ހިތި ކަން މާދަމާ ފެންނާނެ. މި ޤައުމަކީ 2 ހާހަކަށް އަހަރު ފުރިހަމަ މިނިވަން ޤައުމެއް.. ޤައުމަށް ޤައްދާރު ނުވޭ.. އަމިއްލަ މަންފާއަށް ނުވިސްނާ ޤައުމަށް ވިސްނާ..

  5. ސައިނާ

    އެއީ އިންޑިޔާ މީހުން ރާއްޖެ ކިޔާ ގޮތް

  6. ބޮޑޭ

    ކަލޭމެން އެންމެން ގަމާރީތަ އަޅެ. ގައުމީ ނިޝާނުގަވެސް ޖަހާފަ އޮންނަނީ މަހަލްދީބޭ. ދެން ކަލޭމެން ކިޔަންވީނު އެ ނިޝާން ހެދީވެސް އިންޑިޔާގެ ބަޔަކަށް އަހަރެމެންގެ ވަޠަން ގެންދަންށޭ. ގަމާރުވިޔަސް ސިޔާސީވިޔަސް ދެން ތީ ބޮޑުވަރު.

    1
    2
  7. ނަރީޒް

    ދިވެހި ރާްޖޭގެ ގައުމި ފުޓްބޯޅަ އަކީ ސިޔާސީ ކުޅުވަރެއް. ޓީމް އެކުލަވާލަނީވެސް ސިޔާސީ ބޭފުޅުން ބޭނުންވާގޮތަށް. ދެން ކިހިނެއް މޮޅުވާނީ..މީ މޮޅުވާން ކުޅޭ މުބާރާތެއް ނޫން. ކޮންމެވެސް ގޮތަކަށް ލާރިގަނޑެއް ކާލެވޭތޯބަލަން ބާއްވާ ސިޔާސީ ޓީމެއް ހަނދާގެން ކުޅޭ މުބާރާތެއް