ކޮވިޑް ވެކްސިން ދެ ޑޯޒު ޖެހި ކޮންމެ ދިވެހި ސަޕޯޓަރަކަށް ގަލޮޅު ދަނޑަށް ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ގަލޮޅު ދަނޑަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ވީރާނާވާން ގާތްވެފައިވާ ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވައްދާތާ މިހާރު ތިން އަހަރުވާން ގާތްވަނީއެވެ. އެއީ ދަނޑުގެ ސިޑިބަރީގެ ހާލަތު އޮތްގޮތުން ކުޅިބަލަން ވަންނަ މީހުންނަށް ގެއްލުމެއް ލިބިދާނެތީއެވެ. އެންމެ ފަހުން ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުންކުރީ ސަރުކާރުން ބިދޭސީ މީހުން ރަޖިސްޓްރީކުރުމުގެ ނަމުގައި ބޭއްވި "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" އަދި ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާ އާއި ރާއްޖެ ކުޅުނު މެޗުގައެވެ. އެއީ 2019 ގައެވެ.

ރެޖިސްޓްރީ ވާން ބިދޭސީން ގަލޮޅު ދަނޑު ފުރާފައި-- ފޮޓޯ-: އިކޮނޮމިކް މިނިސްޓްރީ

ގަލޮޅު ދަނޑުގެ ޖާގައަކީ 8000 މީހުންނެވެ. ނަމަވެސް ދަނޑުގެ ހާލަތު ދަށްވުމުން އެންމެ ފަހުން 2019 ގައި ރާއްޖެ އާއި ޗައިނާ މާލޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ. ސިޑިބަރި ބޭނުންކުރުމުގެ ފުރުސަތު ދިނީ ޗައިނާގެ ސަޕޯޓަރުންނަށެވެ.

އޭގެފަހުން އެ ސިޑިބަރިތައް އާންމުކޮށް ހުޅުވާނުލައެވެ. އެއީ ސިޑިބަރީގެ ހާލަތު ދަށްވުމުންނެވެ. އަދި ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. ކަމާބެހޭ އިދާރާތަކުން ވަނީ އެތަކެއް ފަހަރެއްގެ މަތިން ދަނޑުގެ ސިޑިބަރީގެ ބެރިތައް ތަހުލީލުކޮށްފައެވެ. އެ ހުރިހާ ތަހުލީލުތަކުން ދެއްކީ އެ ދަނޑުގެ ސިޑިބަރިތައް ބޭނުންނުކުރެވޭ ކަމަށެވެ.

ގަލޮޅު ދަނޑުގެ ސިޑިބަރީގެ ދަށުގައި ތަނބުތަކެއް ވިއްދާފައި، 2019 ގައި މި ސްޓޭޑިއަމްގެ ސިޑީބަރި ބަންދުކުރީ ރެނދުތަކެއް ލުމުގެ ސަބަބުން

"ވަގުތު" އަށް އެނގިފައިވާ ގޮތުން ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަދި ޕްލޭނިން މިނިސްޓްރީ ގުޅިގެން ވަނީ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ދަނޑަށް ސަޕޯޓަރުން ވައްދަން ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައެވެ. ސަރުކާރުގެ ވިސްނުމަކީ ސާފް ޗެމްޕިއަންޝިޕަށް ފަހު ގަލޮޅު ދަނޑުގެ ސިޑިބަރި ހުރި ދިމާތައް ތަޅާލައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. އެކަމަށް ބޭނުންވާ ބައެއް ފައިސާ އިންޑިއާ ސަރުކާރުގެ ކްރެޑިޑް ފެސިލިޓީގެ ދަށުން ވަނީ ހަމަޖެހިފައެވެ.

ދަނޑަށް ސަޕޯޓަރުން ވެއްދުމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތުދެއްވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މަސައްކަތްކުރަނީ ސިޑީބަރީގެ އަޑިއަށް އިތުރު ސަޕޯޓު ބޭނުންވާނެ ގޮތެއް ހެދުމެވެ. އަދި އެއީ ވަގުތީ ހައްލެއް ކަމަށާއި ސިޑިބަރި ބޭނުންކުރެވޭނެ ހާލަތަށް ގެންނަން އަދިވެސް އިތުރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގަލޮޅު ދަނޑުގެ ސިޑިބަރިތައް އެންމެ ފަހުން ބޮޑު މަރާމާތެއް ކުރި ކަމަށް ތާރީހުން ދައްކަނީ 1980ގެ ފަހު ކޮޅުގައެވެ. އޭގެފަހުން 2014 ގެ ޗެލެންޖު ކަޕަށްވެސް ދަނޑު މަރާމާތުކުރުމުގެ ބައެއްް ކަންކަން ކުރިޔަށްދިޔަ އެވެ.

ޖުމްލަ ފަސް ގައުމާއެކު ލީގު އުސޫލުން ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަހުމަދު

  މައިންބަފައިންކާރިއަށް ރަށައްނުދެވޭ 2ޖެހިޔަސް
  ދަޑައް ވަދެވޭ ކިހާރަގަޅު

 2. އަގައާއިއތާދިމާނުވާތީ

  ނުޖަހާނަން

 3. ނަރީޒް

  ދިވެހި ރާްޖޭގެ ގައުމި ފުޓްބޯޅަ އަކީ ސިޔާސީ ކުޅުވަރެއް. ޓީމް އެކުލަވާލަނީވެސް ސިޔާސީ ބޭފުޅުން ބޭނުންވާގޮތަށް. ދެން ކިހިނެއް މޮޅުވާނީ..މީ މޮޅުވާން ކުޅޭ މުބާރާތެއް ނޫން. ކޮންމެވެސް ގޮތަކަށް ލާރިގަނޑެއް ކާލެވޭތޯބަލަން ބާއްވާ ސިޔާސީ ޓީމެއް ހަނދާގެން ކުޅޭ މުބާރާތެއް