އަންނަ މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ބާއްވަން މިއަށްވުރެ މުނާސަބު ދަނޑިވަޅެއް ނެތްކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އެކަނި މި މުބާރާތް ހޯސްޓުކުރާއިރު މާލޭގައި މި މުބާރާތް ކުރިޔަަށްދާނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ. މިއީ ދިގު މުއްދަތަކަށްފަހު ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ބޮޑު މުބާރާތެކެވެ. އެންމެފަހުން ރާއްޖޭގައި ބައިނަލްއަޤްވާމީ ބޮޑު ފުޓުބޯޅަ މުބާރާތެއް ހޯސްޓުކުރީ 2014 ގައެވެ.

ރާއްޖެއިން މި މުބާރާތް ބޭއްވުމުގެ ބިޑު ކާމިޔާބުކޮށްފައިވަނީ ނޭޕާލް އާއި ވާދަކޮށްގެންނެވެ. މިފަހަރު ރާއްޖޭގައި މުބާރާތް ބާއްވާއިރު މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ގަލޮޅު ދަނޑުގައެވެ.

ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓުކުރުމުގެ ގޮތުން ފެށި ގައުމީ ކެމްޕެއިން ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖެއިން ބިޑު ކާމިޔާބުކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އަދި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަރަށް ބޮޑު އެއްބާރުލުން ދެއްވި ކަމަށެވެ. އަދި މި ބިޑް ކާމިޔާބުކުރެވުނީ އެންމެން އެކުގައި ގުޅިގެން ކުރި މަސައްކަތުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ލިބުނު ވަގުތަކީ މުނާސަބު ވަގުތެއް ކަމަށާއި ގާތްގަނޑަކަށް ދޮޅު އަހަރު ދިވެހި ރައްޔިތުން ވަރަށް އުނދަގޫ ދަތި ހާލުގައި ތަހަންމަލު ކޮށްފައިވާ ކަމަށާށެވެ. އަދި ކުރިއަށް ފިޔަވަޅުތަކެއް އަޅާއިރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަކީ ދިވެހި ސަޕޯޓަރުންނަށް އުފާވެރިކަން ގެނުވާނެ ކަމެއްގެ ގޮތުގައިވެސް ބައްސާމް ފާހަގަކުރެއްވި އެވެ.

ރާއްޖެއިން މިހާތަނަށް ހޯދި ފުޓުބޯޅައިގެ ކާމިޔާބީތަކުގެ ފަހަތުގައި 12 ވަނަ ކުޅުންތެރިޔާގެ ކަމަށްވާ ދިވެހި ސަޕޯޓަރުންގެ ހިއްސާވާ އޮންނަ ކަމަށާއި މި ފެށުނު ކެމްޕެއިނާއެކު އުއްމީދަކީ ގައުމީ ރޫހުގައި އެއްބައިވަންތަކަން މަތީ ދިވެހި ޓީމަށް ސަޕޯޓުކުރުމުގައި އެންމެން ތިބުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.