މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަަދަ 16ގެ ފުރަތަމަ މެޗުގައި ފެނިގެންދާނީ ފުޓްބޯޅައިގެ ގަދަ ދެ ބާރުގެ ކުރިމަތިލުމެކެވެ. ވޯލްޑް ކަޕް ކުރިން ކާމިޔާބުކޮށްފައިވާ ދެ ޤައުމު ކަމަށްވާ ފްރާންސް ޢާއި އާޖެންޓީނާގެ ކުރިމަތިލުމަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ މެޗެކެވެ.

މި މުބާރާތުގެ ފޭވެރިޓުންގެ ގޮތުގައި މުބާރާތަށް ނިކުތް ނަަމަވެސް، ދެ ޓީމަށް ވެސް ގުރޫޕް ސްޓޭޖުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްްކުނެވެ. އާޖެންޓީނާ އަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވީ ގުރޫޕްގެ ފަހު މެޗުންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ފްރާންސް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ ކުޅުމަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

މި މެޗަށް ނުކުންނައިރު އާޖެންޓީނާގައި އަނިޔާގެ މައްސަލައެއް ނެތެވެ. އެހެންކަމުން އެންމެ ފަހުން ކުޅުނު މެޗުގައި ނިކުތް ފުރަތަމަ 11 އަށް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ މާބޮޑު ބަދަލެއް ގެންނާނެ ކަމަށް ނުބެލެވެ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަށް މުބާރާތުގެ ފުރަތަމަ ދެ މެޗަށް ފަހު ފާޑުކިއުންތައް އަމާޒުވި ނަމަވެސް، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭނާ ވަނީ މުހިންމު ލަނޑެއް ޖަހައިފަ އެވެ. އާޖެންޓީނާ މުބާރާތުގައި ކުރިއަށް ދާން ބޭނުން ނަމަ، މެސީ ރަނގަޅު ފޯމެއްގައި ހުރުން މުހިންމެވެ.

އާޖެންޓީނާގެ ކޯޗު ސަމްޕައޮލީ ބުނީ މެސީ އަށް އޭނާގެ ފެންވަރު ދެއްކޭނީ އެހެން ކުޅުންތެރިންގެ އެހީތެރިކަން ވެސް ލިބިގެން ކަމަށެވެ.

"މެސީ އަށް އޭނާގެ އަސްލު ފެންވަރު ދެއްކޭނީ ޓީމުގެ އެެހެން ކުޅުންތެރިންގެ ސަޕޯޓް ވެސް ލިބިގެން. އެހެން ކުޅުންތެރިންގެ ސަޕޯޓް ނުލިބޭނަމަ، މެސީ އަށް ވެސް އުނދަގޫވާނެ،" ސަމްޕައޮލީ ބުންޏެވެ.

ފްރާންސްގެ ޓީމަށް ބަލާއިރު، ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ރެސްޓް ދިން މުހިންމު ކުޅުންތެރިން މިރޭގެ މެޗުގައި އަލުން ފުރަތަަމަ 11ގައި ނުކުންނާނެ އެވެ. ޑިފެންޑަރު ބެންޖަމިން މެންޑީ އަށް ލިބުނު އަނިޔާއަކާ ގުޅިގެން މިރޭގެ މެޗުގައި އޭނާ ނުފެންނާނެ އެވެ.

ފްރާންސް:

އާޖެންޓީނާ އަތުން 1978 ވަނަ އަހަރު ބަލިވި ފަހުން، ވޯލްޑް ކަޕްގައި ދެކުނު އެެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކުުޅުނު 8 މެޗުން ވެސް ފްރާންސް ބައްޔެއް ނުވޭ.

ވޯލްޑް ކަޕްގައި ގަދަ 16ގެ ބުރު 1986 ވަނަ އަހަރު ތައާރަފްކުރި ފަހުން، ފްރާންސް ގަދަ 16 އަށް ދަތުރުކުރި ކޮންމެ ފަހަރަކު ވެސް ވަނީ އެ ބުރު ފަހަނައަޅައި، ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ.

އާޖެންޓީނާ:.

އާޖެންޓީނާ ވަނީ އެންމެ ފަހުން ކުޅުނު 13 ވޯލްޑް ކަޕްގެ ތެރެއިން 12 ފަހަރު ގުރޫޕް ސްޓޭޖުން ސަލާމަތްވެފަ.

އެންމެ ފަހުން ވާދަކުރި ފަސް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު މުބާރާތުގައި އާޖެންޓީނާ ވަނީ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ.

އެނގޭތަ؟

މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖްގައި މި ދެ ޤައުމު ބައްދަލުކުރާ ފުރަތަމަ މެޗެވެ. މި ދެ ޓީމު މިހާތަނަށް 12 ފަހަރު ބައްދަލުކޮށްފައިވާއިރު، އާޖެންޓީނާ ވަނީ ހަ މެޗުން މޮޅުވެފަ އެވެ. ފްރާންސް މޮޅުވީ ދެ މެޗުންނެވެ.