ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއިސް އަތުން ބަލިވިއިރު މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑަކާއި އަރާ ހަމަކޮށްފިއެވެ.

ރަށުންބޭރުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 13 ވަނަ މިނެޓުގައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ކުޅުނު ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ވެން ބިސާކާ އަށް ރަތްކާޑު ދެއްކުމުން ޔުނައިޓެޑު ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

ބިސާކާ އަށް ރަތްކާޑު ދައްކަނީ

ޔަންގް ބޯއިސް އިން ނަތީޖާ ހަމަހަމަކުރީ 66 ވަނަ މިނެޓުގައެވެ . ނިކޮލަސް މި ލަނޑު ކާމިޔާބުކުރިއިރު މެޗުން އެ ޓީމު މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިބެޗާއު އެވެ.

ސްވިޒަލޭންޑުގެ ޔަންގް ބޯއިސް ކޮޅަށް ޖެހި ލަނޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ކީޕަރު އިކާ ކަސިޔަސް އަދި ލިއޮނަލް މެސީ ހަދާފައިވާ ރެކޯޑަކާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އަރާ ހަމަކޮށްފައެވެ.

2009 ގެ ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައިސް ފުރަތަމަ މެޗެެއް ކުޅުނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގައެވެ. ޕްރިމިއަރ ލީގުގައި ކުޅުނު އެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖަހާފައިވެއެވެ.

ޔަންގް ބޯއިސް މެޗުގައި ކުޅުމާއެކު ރޮނާލްޑޯ އާއި ކަސިޔަސް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުގެ އަދަދު 177 އަށް ވަނީ އަރާފައެވެ. އަދި ކުރިޔަށްވެސް ޔުނައިޓެޑަށް މެޗުތަކެއް ހުރުމާއެކު މި ރެކޯޑު އޭނާ މުގުރާލާނެކަމަށް ބެލެވެއެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ޔަންގް ބޯއިސް ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑުޖެހި 36 ވަނަ ޓީމަށެވެ. މިއަދަދަށް ދެން ލަނޑުޖެހި ކުޅުންތެރިއަކީ ލިއޮނަލް މެސީ އެވެ.

ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު ޓީމުގެ ކުޅުންތެރިނާއެކު އުފާފާޅުކުރަނީ

މި ރެކޯޑުތަކުގެ އިތުރުންވެސް ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގައި ރަސްގެފާނެވެ. އޭނާއަކީ މުބާރާތުގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖުމްލަ ޖެހި ލަނޑުތަކުގެ އަދަދު 135 އަށް އަރައެވެ. މީގެތެރޭގައި 2013-14 ގެ ސީޒަނުގައި އޭނާ ކާމިޔާބުކުރި 17 ލަނޑު ހިމެނެއެވެ. މިއީ އެއް ސީޒަނެއްގައި ކުޅުންތެރިއަކު އެންމެ ގިނަ ލަނޑު ޖެހި ފަހަރެވެ.

މީގެއިތުރުން ރޮނާލްޑޯ އަކީ މުބާރާތުގެ ނޮކައުޓް ބުރުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މި ބުރުގައި މިހާތަނަށް 67 ލަނޑު ޖަހާފައެވެ.

މި އަދި ނިމުނީކީ ނޫނެވެ. ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގެއްގެ ތިން ފައިނަލެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާވެސްމެއެވެ. އަދި އޭނާއަކީ ޖެހިޖެހިގެން 11 ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑު ދެން ބައްދަލުކުރާނީ ސްޕެއިންގެ ވިޔަރެއާލް އާއެވެ. މި މެޗު ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕެނާލްޑޯ

    ޔަންގްބޯއިސްގެ ...ތާރީޚުގަވެސް ...އެޓީމް ޗެމްޕި އަންސްލީގުގަ އި މޮޅުވީ ދެމެޗުން. އެދެމެޗުގައިވެސް ބަލިވި ޓީމުގައިހިމެނުނުހަމައެކަނި ...ކުޅުންތެރިއަކީ ...ރޮނާލްޑޯ

    12
    8
  2. ޒިމްޒިމް

    ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް.. އެކަމާ ދެބަސްނުވެވޭނެ..

    24
    8
  3. ކްރައި ސެވަން

    މެޗަކުން ބަލިވިޔަސް ރޮނާލްޑޯއަށް ލަނޑެއް ޖެހިފަވާނަމަ އޭނާހުންނާނީ އުފަލުން. މެޗަކުން މޮޅުވިޔަސް އޭނާއަށް ލަނޑެއްނުޖެހިއޮތްނަމަ އޭނާހުންނާނީ ރުޅިއައިސްފަ.

    14
    14
  4. ައަލީ

    ޝާހު ހާދަ ވަރަކަށްތި ތައުރީފް ކުރަނީ ރޮނާ އަށް.

    4
    1