ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވެ ބާސެލޯނާ ހިތްދަތިގޮތަކަށް މިފަހަރުގެ ޗެމްޕިއަންސް ލީގު ފަށައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި މި މެޗު ކުޅުނުއިރު މިދިިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް މިދެ ޓީމު ވަނީ ކުއާޓާފައިނަލުގައި ބައްދަލުކޮށްފައެވެ. އެފަހަރު ބާސެލޯނާ ބަލިވީ 8-2 ގެ ނަތީޖާއަކުންނެވެ. މިއީ އޭގެފަހުން މި ދެ ޓީމު ކުޅުނު ފުރަތަމަ ފަހަރެވެ.

މިއީ ބާސެލޯނާގެ ދިގު ތާރީހުގައި އެ ކުލަބުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ނެތި ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ބަޔާން މިއުނިކްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 34 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުން ތޯމަސް މުލާ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މިއީ މުލާގެ ފުޓުބޯޅަ ހަޔާތުގައި އޭނާ ބާސެލޯނާ ކޮޅަށް ޖެހި ހަތްވަނަ ލަނޑެވެ. މިހާތަނަށް އައި އިރު ޗެމްޕިއަންސް ލީގުގައި ބާސާ ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ލިބެނީ މުލާ އަށެވެ.

ބާސެލޯނާ ފެނުނީ މުޅިން ވިއްސިވިހާލިވެފައި ވާ ތަނެވެ. އެޓީމަށް މި މެޗުގައި ބަޔާންގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވޭގޮތެއް ނުވިއެވެ. ނުވިތާކަށް ޓީމުގެ މެދުތެރެއާއި ފޯވާޑްލައިން އަދި ފަހަތްވެސް ފެނުނީ ވަރަށް ދަށްކޮށެވެ. ބާސާގެ ތާރީހީ ފުޓުބޯޅަ ކަމަށްވާ ޕާސް ޖަހައިގެން ކުޅޭ ފުޓުބޯޅަ މި މެޗުގައި ނުފެނެއެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާންގެ ދެވަނަ ލަނޑު ރޮބަޓް ލެވަންޑޮސްކީ ކާމިޔާބުކޮށްފައިވަނީ މެޗުގެ 56 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން ޖަމާލް ފޮނުވާލި ބޯޅައެއް އަރިމަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅައެއް ހޯދުމަށްފަހު ބާސާގެ ކުޅުންތެރިއެއް ކައިރިން ފަސޭހަކަމާއެކު ނައްޓާލުމަށްފަހު ކާމިޔާބުކުރި ލަނޑެކެވެ.

ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ލަނޑުވެސް ކާމިޔާބުކުރި ލެވަންޑޮސްކީ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ.

ޗެލްސީގެ ލުކާކޫ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޗެމްޕިއަންސް ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ރަޝިއާގެ ޒެނިޓް ޕީޓާސްބާގް ބަލިކޮށްފައެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މި ޓްރާންސްފަރގައި އެ ޓީމަށް ބަދަލުވި ރޮމެލޫ ލުކާކޫ އެވެ.

މީގެއިތުރުން ޔުވެންޓަސް އިން ވަނީ މަލްމޯ 3-0 އިން ބަލިކޮށް ފެށުން ރަނގަޅުކޮށްފައެވެ. މިއީ މި ސީޒަނުގައި ވެސް ޔުވެންޓަސް ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅެއް ނުވެއެވެ.