ރާއްޖޭގެ މާޝަލް އާޓްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ "ބްރެޒީލިއަން ޖިޖިޓްސޫ" އަށް ހާއްސަކޮށް މުބާރާތެއް އަންނަ ހުކުރުދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.

ބްރެޒީލިއަން ޖިޖިޓްސޫ ރާއްޖެއަށް ތައާރަފްކޮށްދިނީ އިންޓަނޭޝަނަލް ބްރެޒީލިއަން ޖިޖިޓްސޫ ފެޑެރޭޝަންގެ ރޭންކިންގެ އެއްވަނަައިގައި ހިމެނޭ ސްޕެއިންގެ އެންޖެލް ފެނާންޑޯ ސަންޗޭޒް ސޮރިއާނޯގެ އެހީތެރިކަމާއެކު އެވެ. އޭނާ މި ރޭންކިން ހޯދީ 2019 ގައި ބްރައުން ބެލްޓް ނުވަތަ ދެވަނަ ފަންތީގެ ތެރެއިންނެވެ.

މިހާރު އޭނާ ވަނީ ބްލެކް ބެލްޓް ނުވަތަ އެންމެ މަތީ ފަންތީގެ ބެލްޓް ހޯދާފައިވާ އެތްލީޓެކެވެ. އޭނާ ހިމެނެނީ ދުނިޔޭގެ ބްރެޒީލިއަން ޖިޖިޓްސޫގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް އެތްލީޓަށެވެ.

މިއީ ދުނިޔޭގެ ޗެމްޕިއަނަކާއެކު ރާއްޖޭގައި މިފަދަގޮތަކަށް "ބްރެޒީލިއަން ޖިޖިޓްސޫ" އަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ މުބާރާތެވެ. އެންޖެލް ވަނީ މީގެ ދެ އަހަރެއް ކުރިން މި ކުޅިވަރު ރާއްޖެއަށް ތައާރަފްކޮށްދިނުމުގެ ގޮތުން ސެޝަންތަކެއް ވެސް ނަގައިދީފައެވެ. މި ކަންކަން ކޮށްފައިވަނީ ރާއްޖޭގެ މާޝަލް އާޓްސްގައި އުޅޭ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެކުއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބްރެޒީލިއަން ޖިޖުޓްސޫ މުބާރާތުގައި ޖުމްލަ 26 ފަރާތެއް ބައިވެރިވާކަމަށް މައުލޫމާތުދެއެވެ. މި މުބާރާތް ކުރިޔަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ކެޓަގަރީ: ފުރަތަމަ އޯޕަން މޯލްޑިވްސް ޖިޖިޓްސޫ ޗެމްޕިއަންޝިޕް

ދެވަނަ ކެޓަގަރީ: ފުރަތަމަ އޯޕަން މޯލްޑިވްސް ސަބްމިޝަން ގްރެޕްލިން

މި ދެ ކެޓަގަރީގެ ތެރެއިން އީޕަން ޖިޖިޓްސޫ ޗެމްޕިއަންޝިޕު ކުރިޔަށްދާނީ ގީ ނުވަތަ މާޝަލް އާޓްސްގައި ބޭނުންކުރާ ޔުނީފޯމް އާއެކު އެވެ. ނަމަވެސް ސަބްމިޝަން ގްރެޕްލިން ކެޓަގަރީގައި އެ ޔުނީފޯމް ބޭނުމެއް ނުކުރާނެ އެވެ.

މީގެއިތުރުން އޯޕަން ވެއިޓް ބައެއްވެސް މި މުބާރާތުގައި ކުރިޔަށްދާނެ އެވެ. މި ބައި ކުރިޔަށްދާނީ 64 ކޭޖީ 74 ކޭޖީ އިން މަތި އަދި 74 ކޭޖީ އިން ދަށް އެވެ. މި ބައިގައި އެއް މެޗު ކުރިޔަށްދާނީ ފަސް މިނެޓަށެވެ.

ރާއްޖޭގައި ބްރެޒީލިއަން ޖިޖުޓްސޫ ތައާރަފުކުރަން ފުރަތަމަ މުބާރާތް ބާއްވާއިރު، މި ކުޅިވަރަށް ހާއްސަ އެކަޑަމީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ. އަދި މިކަމުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

"މިއީ އަސްލު އަރަމުން އަންނަ ކުޅިވަރެއް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ ޗެމްޕިއަނުން އުޅޭ، ވޯލްޑް ޗެމްޕިއަނަކާއެކު ރާއްޖޭގައި މި ކުޅިވަރު ތަރައްގީކުރެވުމަކީ އޭގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް" މި ކުޅިވަރު ރާއްޖެއަށް ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރި އަޝްހަމް ވަގުުތު އަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

މި މުބާރާތް އަންނަ ހުކުރުދުވަހު މޫސުން ތަންދޭ ނަމަ ބާއްވާގޮތަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މޫސުން ތަން ނުދޭނަމަ މި މުބާރާތް ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ މާލޭގެ ސްކޫލެއްގެ ހޯލުގައެވެ.