ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕުގެ ގޮތުގައި ބެލެވޭ ގްރޫޕް އޭގައި ވަރުގަދަ ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ކުލަބް ބްރޫޖް އަތުން އެއްވަރުވި އިރު މެންޗެސްޓަރ ސިޓީން ޖަރުމަނުގެ އާރްބީ ލިޕްޒިގް ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

ކުލަބް ބްރޫޖްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އެ ޓީމާއި އަލަށް ގުޅުނު ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗެވެ. އަދި މެސީ، ނޭމާ އަދި އެމްބާޕޭ އެކުގައި ފެނިގެންދިޔަ ފުރަތަމަ މެޗެވެ.

މެޗުގައި ޕީއެސްޖީ ފެނުނީ ޓީމެއްގެ ސިފައިގައި ބަލިކަށިކޮށެވެ. އަދި ނެގިމަޑުވެފައިވާ ތަނެވެ. ހާއްސަކޮށް ޓީމުގެ ފަހަތުން ގިނަ ގޯސްތަކެއް މި މެޗުގައި ފެނިގެންދިޔަ އެވެ. މީގެއިތުރުން މެދުތެރެވެސް ފެނިގެންދިޔައީ ވަރަށް ބަލިކަށިކޮށެވެ. ހާއްސަކޮށް މެސީ އާންމުކޮށް ކުޅޭ ޑޮމިނަންޓް ފުޓުބޯޅަ ކުޅެން އޭނާއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިއެވެ. އެއީ ޕީއެސްޖީއަށް ހަމަޔަށް ޕާސްތަކެއް ފުރިހަމަނުކުރެވުމުންނެވެ.

ޕީއެސްޖީއާއި ކުލަބް ބްރޫޖް ކުޅުނު މެޗުގެ ތެރެއިން މެސީ

މި މެޗުގައި ކުލަބް ބްރޫޖް ފެނިގެންދިޔައީ ވަރަށް އިތުބާރު ބޮޑުކޮށެވެ. ތަރިންގެ މައްޗަށް އެކުލެވޭ ޕީއެސްޖީ ކައިރީގައި އެ ޓީމުން ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ.

،މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ޕީއެސްޖީއެވެ. މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ އަރިމަތިން ފޮނުވާލި ބޯޅައަކުން މި ލަނޑު އަންޑޭ ހެރޭރާ ކާމިޔާބުކޮށްފައިވަނީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްގެންނެވެ.

މި ލަނޑު ޖެހިނަމަވެސް ޕީއެސްޖީއަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ކުލަބް ބްރޫޖް އިން ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެޑުއާޑް ސޮބޮލް ގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހަންސް ވަނަކެން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއަށް ލިބުނު ބޯޅައެއްގައެވެ. މި ބޯޅަ އޭނައަށް ލިބުނުއިރު ޕީއެސްޖީގެ ޑިފެންޑަރުން ތިބީ ބަލަހައްޓައިގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އެމްބާޕޭއަށް އަނިޔާވުމުގެ ސަބަބުން އޭނާގެ ބަދަލުގައި މައުރޯ އިކާޑީ ކުޅެން އެރިއެވެ. އަދި މެޗުގެ 72 ވަނަ މިނެޓުގައި މެސީއަށް ރީނދޫ ކާޑެއް ދެއްކިއެވެ.

ސިޓީއަށް ލަނޑު ޖެހުމަށްފަހު ގްރީލިޝް އުފާފާޅުކުރަނީ

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އާރުބީ ލިޕްޒިގް އަތުން އެ ޓީމު މޮޅުވީ 6-3 ގެ ނަތީޖާއަކުންނެވެ. ސިޓީން ހަ ލަނޑު ޖެހިއިރު ލިޕްޒިގް ވަނީ ސިޓި ލަނޑުޖެހި ވަރަކަށް ނަތީޖާގެ ފަރަގު ކުރަމުންނެވެ.

މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނޭތަން އާކޭ އާއި ރިޔާދް މަހްރޭޒްގެ އިތުރުން ޖެކް ގްރީލިޝް، ޔާއޮ ކަންސެލޯ އަދި ގެބްރިއަލް ޖޭސަސް އެވެ. އެ ޓީމުގައި ދެން ފެނިގެންދިޔަ ލަނޑަކީ ލިޕްޒިގްގެ ނޯޑީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ބޮޑު އަގުގައި ސިޓީއަށް ބަދަލުވިފަހުން ގްރީލިޝް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ލިޕްޒިގް އިން މި މެޗުގައި ކާމިޔާބުކުރި ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ދެން ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ. މި މެޗު ކުޅޭނީ މިމަހުގެ 29 ގައެވެ. އަދި މި ގްރޫޕުގައި ދެން ހިމެނޭ އާރުބީ ލިޕްޒިގް އަދި ކުލަބް ބްރޫޖް ބައްދަލުކުރާނީ ވެސް ހަމަ މިގަޑީގައެވެ.