ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި އޭސީ މިލާން ލީޑުގައިވަނިކޮށް ފަހަތުން އަރާ ލިވަޕޫލް މޮޅެއް ހޯދިއިރު އެތްލެޓިކޯ މެޑްރިޑް އާއި އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގަައި އެ ޓީމު އިޓަލީގެ އޭސީ މިލާން ބަލިކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ އޭސީ މިލާނު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ޖެހި ބޯޅައެއް މިލާންގެ ފިޔަކޯ ފައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ.

އޭރިއާ ތެރެއިން އޭސީ މިލާނުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ނަތީޖާއެއްގެ ގޮތުން ލިވަޕޫލް އިން ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ލިވަޕޫލަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް މުހައްމަަދު ސަލާހް ފޮނުވާލި މި ޕެނަލްޓީ މިލާންގެ ކީޕަރ ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގައި އޭސީ މިލާން ފެނުނީ ތަފާތުކޮށެވެ. ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި އޭސީ މިލާން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފަައެވެ. ފުރަތަމަ ލަނޑު 42 ވަނަ މިނެޓުގައި އަންޓޭ ރެބިޗް ޖެހިއިރު މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރަހިމް ޑިއާޒް އެވެ. ފުރަތަމަ ހާފު ނިމުނީ މިލާން ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މުހައްމަދު ސަލާހް ކުޅެން އެރުވިއެވެ. އެއާާއެކު ލިވަޕޫލުގެ ކުޅުމުގެ ވައްޓަފާޅި ތަފާތުވެގެން ދިޔައެވެ. ދެ ވަނަ ހާފްގައި ކުޅެން އަރައި ތިންވަނަ މިނެޓުގައި ސަލާހު ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުން ލިވަޕޫލް މޮޅުވި ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޑަން ހެންޑަސަން އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމަކީ އެތްލެޓިކޯ މެޑްރިޑް އާއި އެފްސީ ޕޯޓޯ އެވެ. މި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ދެން ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރެއާލް މެޑްރިޑް ކުޅުނު މެޗުން އެ ޓީމު ވަނީ ފަހުވަގުތު ކާމިިޔާބުކުރި ލަނޑުން އިންޓަމިލާން 1-0 އިން ބަލިކޮށްފައެވެ. މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ކަމަވިންގާ ދިން ބޯޅައަކުންނެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޝަކްޓާ ޑޮނެޓްސް ވަނީ މޮލްޑޯވާގެ ޝެރިފް އަތުން ބަލިވެފައެވެ.