އަންނަ އަހަރު ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ތައްޔާރުވާ ރާއްޖޭގެ ޒުވާން ގައުމީ ވޮލީބޯޅަ ޓީމުތަކަށް ހެޑް ކޯޗެއް ހޯދުމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ގެޒެޓުގައި އިއުލާނުކޮށްފި އެވެ.

އެ އެސޯސިއޭޝަަނުން ނެރުނު އިއުލާނުގައިވާ ގޮތުން 2022 ގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކަށް ޓީމު ތައްޔާރުކުރުމުގެ ގޮތުން ކޯޗެއް ހޯދުމަަށް ބޭނުންވާ ކަމަށެވެ.

ގައުމީ ޒުވާން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގެ އިތުރުން ދެ އެސިސްޓަންޓް ކޯޗުންވެސް ހޯދުމަށް ވީއޭއެމް އިން ވަނީ ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފައެވެ.

ވީއޭއެމުން ބުނީ މި މަގާމުތަކަށް ކުރިމަތިލާ ކޯޗުންނަކީ އެ އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކޯޗެއްކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި އެއީ އެފްއައިވީބީ ކޯޗިން ލެވަލް އެކެއްގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ކޯޗަކަށްވެސް ވާން ޖެހޭނެ ކަމަށާއި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކޯޗެއް ކަމުގައި ވާން ޖެހޭނެ ކަމަށްވެއެވެ.

މީގެއިތުރުން މި މަގާމަށް ހަމަޖައްސާ ކޯޗުންގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވެގެން ކަމަށްވެސް ވެއެވެ. މަގާމުތަކަށް ޝައުގުވެރިވާ ކޯޗުން އެ ކަމަށް އެދި ސިޓީއަކުން ކުރިމަތިލާ މަގާމު އެނގޭނެހެން، އަދި ސީވީ އާއި ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކޯޗެއްކަން އަންގައިދޭ ލިޔެކިއުންތަކާއެކު މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ([email protected]) އަށް ފޮނުވުމަށް ވީއޭއެމުން ވަނީ އެދިފައެވެ.

އަންނަ އަހަރަކީ ރާއްޖޭގެ ވޮލީއަށް ފާހަގަކޮށްލެވޭ އަހަރެކެވެ. މީގެތެރެއިން ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއް ހިމެނެއެވެ.