ކުރިއަށް އޮތް ސާފު ޗެމްޕިއަންޝިޕްގެ މެޗްތަކުގެ ފޮޓޯ ނެގުމަށް "ވަގުތު" އިން ރާއްޖޭގެ ކުޅިވަރު ދާއިރާގެ ފޮޓޯ ނެގުމަށް އެންމެ މަޝްހޫރު، ކުޅަދާނަ ފޮޓޯގްރާފަރު އަބްދުﷲ އަބީދު ހަމަޖަައްސައިފިއެވެ.

މީގެ ކުރިން ވެސް "ވަގުތު" ގައި މަސައްކަތް ކޮށްފައިވާ އަބީދަކީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އެތައް މުބާރާތެއްގެ ފޮޓޯ ނަގާފައިވާ ފޮޓޯގްރާފަރެކެވެ.

ޢުމުރުން 17 އަހަރުގައި ވިލިމާލޭގެ ސައިހޮޓަލެއްގެ ސޭޓު ކަމުން ވަޒީފާގެ މައިދާނަށް ނިކުތް އަބީދަކީ މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފޮޓޯގުރާފަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ހުނަރުވެރި ފޮޓޯގުރާފަރެކެވެ. ކުޅިވަރުގެ ދަނޑުތަކުގެ މަންޒަރުތަކުގެ އިތުރުން ސިނަމާލެ ބުރިޖުގެ މަސައްކަތް ފެށުނީއްސުރެ އެމަސައްކަތް ނިމުމާއި ހަމައަށް ބުރިޖުގެ ހުރިހާ މަންޒަރެއް ފޮޓޯ ނަގާ އެފޮޓޯތައް އާއްމުންނާއި ހަމައަށް ގެނެސްދިން ފޮޓޯގްރާފަރަކީ ވެސް އަބީދެވެ.

އަބީދު ވަނީ "ވަގުތު"ގެ އިތުރުން ހަވީރު، ސަން އަދި ރާއްޖޭގެ އެތައް ނޫހަކަށް ވެސް ފޮޓޯ ނަގައިދީފައެވެ.

ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތްތަކާއި ވޮލީ މުބާރާތްތަކާއި އަދިވެސް އެހެނިހެން ގިނަ މުބާރާތްތަކެއްގެ ރީތި މަންޒަރުތައް ކިޔުންތެރިންނާއި، ބެލުންތެރިންނާއި ހަމައަށް ގެނެސްދީ އަބީދު ވަނީ އޭނާ އަކީ ހުނަރުވެރި ފޮޓޯގްރާފަރެއްކަން މީގެ ކުރިން ސާބިތުކޮށްދީފައެވެ. އޭޝިއާ ކުއެސްޓް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގެ އޮފިޝަލް ފޮޓޯގްރާފަރު ކަން ވެސް އަބީދު ވަނީ ކޮށްފައެވެ.

އަބީދު މިހާތަނަށް ނެގި ފޮޓޯތަކުގެ ތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ އެއްފޮޓޯ
އަބީދު މިހާތަނަށް ނެގި ފޮޓޯތަކުގެ ތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ އެއްފޮޓޯ

"ވަގުތު"ގެ އޮފިޝަލަކު ވިދާޅުވީ ސާފު ޗެމްޕިއަންޝިޕްގެ ފޮޓޯ ނެގުމަށް "ވަގުތު" އިން އަބީދު ހަމަޖެއްސި އެއްސަބަބަކީ މިފަދަ މުބާރާތްތަކުގެ ފޮޓޯ ނެގުމުގެ ގިނަ ތަޖުރިބާތަކެއް އޭނާއަށް ލިބިފައި ވުމުންނާއި އޭނާގެ ހުނަރުވެރިކަމާއި މެދު އިތުރު ސުވާލެއް އުފެއްދުމުގެ ޖާގަ ވެސް ނެތުމުންނެވެ. "އަބީދު ވަނީ މީގެ ކުރިން އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައި. "ވަގުތު" އާއިއެކު ވެސް އަދި އެހެން މީޑިއާތައް މެދުވެރިކޮށް ވެސް އަބީދު ވަނީ އޭނާ އަކީ ކުޅިވަރު މުބާރާތްތައް ކަވަރު ކުރަން ރާއްޖޭގައި ހުރި އެންމެ މޮޅު އެއްފޮޓޯގްރާފަރުކަން ސާބިތުކޮށްދީފައި. އޭނާ އާއިއެކު މަސައްކަތް ކުރަން ނިންމި ސަބަބަކީ އެއީ." ވަގުތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެފްއޭއެމް އިން ނިންމާފައި ވަނީ ސާފު ޗެމްޕިއަންޝިޕް ކަވަރު ކުރުމުގެ ފުރުސަތު ކޮންމެ މީޑިއާއަކުން ވެސް އެއްފޮޓޯގްރާފަރަށް ދިނުމަށެވެ.

މިއަހަރުގެ ސާފު ޗެމްޕިއަންޝިޕް މާލޭގައި ފަށާނީ އަންނަ މަހުގެ 01 ވަނަ ދުވަހު އެވެ.