އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމްގެ މިޑްފީޑާ ހާވިއާ މަޝެރާނޯ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލާ ރިޓަޔާ ކޮށްފިއެވެ.

އޭނާ ރިޓަޔާ ކުރީ މިރޭ ފްރާންސް އަތުން ހިތްދަތިގޮތަކަށް ބަލިވި މެޗަށް ފަހުއެވެ.

އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް 145 މެޗް ކުޅެދީފައިވާ އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ މަޝެރާނޯ މިރޭ ރިޓަޔާކުރި އިރު އާޖެންޓީނާގެ މުހިންމު ބައެއް އިތުރު ކުޅުންތެރިން ވެސް މިރޭގެ މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްރާންސް އަތުން 4-3 ގެ ނަތީޖާ އަކުން އާޖެންޓީނާ ބަލިވުމާއި އެކު އެޓީމަށް ވަނީ މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނިމިފައެވެ.

މެޗަށް ފަހު ދިން އިންޓަވިއުއެއްގައި މަޝެރާނޯ ބުނީ "އަހަރެން (ގައުމީ ޓީމަށް) ކުޅުން މިނިމުނީ. އަހަރެންނަކީ ވެސް ދެން އާޖެންޓީނާގެ ފުޓްބޯޅަ ޓީމަށް އިތުރުވި ސަޕޯޓަރެއް." ކަމަށެވެ.

މަޝެރާނޯ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރުއެވެ. އާޖެންޓީނާގެ ރިވާ ޕްލޭޓް އިން ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް އިނގިރޭސިވިލާތުގެ ވެސްޓް ހަމް އަށް ކުޅެފައެވެ. 2007 ވަނަ އަހަރު އޭނާ ލިވަޕޫލަށް ބަދަލުވެ ލިވަޕޫލާއި އެކު ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނެވެ. ނަމަވެސް އޭސީ މިލާން އަތުން ބަލިވެ ތަށި އުފުލާލެވޭނެ ގޮތެއް ނުވިއެވެ.

2010 ވަނަ އަހަރުގެ ޖަނަވަރީ މަހު މަޝެރާނޯ ބާސެލޯނާ އަށް ބަދަލުވެ ވަނީ ޗެމްޕިއަންސް ލީގު ދެފަހަރު އަދި ލަލީގާ ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ.

މިހާރު އޭނާ ކުޅެމުން ދަނީ ޗައިނާގެ ހެބީ ޗައިނާ ފޯޗުން އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    ????

  2. މުރާޏްޑޯ

    މަރަޑޯނާ ބިމަށް އިނގިލިހަރާ ދެން ކެކެކެކެކެކެ..