އުރުގުއޭ އަތުން 2-1 އިން ބަލިވެ ވޯލްޑް ކަޕުން ޕޯޗުގަލް ކަޓައިފިއެވެ.

އުރުގުއޭ އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ހަތްވަނަ މިނެޓްގައި އެޑިންސަން ކަވާނީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ލުއިސް ސުއަރޭޒް ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މޭ މަތިން ކުރިއަށް ފޮނުވާލައިގެންނެވެ.

އުރުގުއޭގެ މި ގޯލަށްފަހު ޕޯޗުގަލް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ މި ހާފުގައި އުރުގުއޭގެ ގޯލަށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތް ނުވެފައެވެ. އަދި މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ރަނގަޅު އިތުރު ފުރުސަތެއް އުރުގުއޭ އަށް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ.

އުރުގުއޭ އަށް ދެ ގޯލު ކާމިޔާބުކޮށްދިން އެޑިންސަން ކަވާނީ - ފޮޓޯ: އޭއެފްޕީ

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 55 ވަނަ މިނެޓްގައި ޕެޕޭ ވަނީ ޕޯޗުގަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޕެޕޭ މި ގޯލު ކާމިޔާބުކުރީ އުރުގުއޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ގުރޭރޯ ހުރަސްކޮށްލި ބޯޅަ ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ނަމަވެސް އޭގެ ހަތް މިނެޓްފަހުން އުރުގުއޭ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ބެންޓަންކޫރް ދިން ޕާހަކުން މި ގޯލުވެސް ކާމިޔާބުކޮށްދިނީ ކަވާނީ ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިރޭގެ މެޗުގައި ދެ ގޯލު ކަވާނީ ކާމިޔާބުކުރިއިރު އަނިޔާގެ ސަބަބުން މެޗުގެ 74 ވަނަ މިނެޓްގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އުރުގުއޭގެ މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ޕޯޗުގަލް އިން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓްގައި ޕޯޗުގަލްގެ ބާނާޑޯ ސިލްވާ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ އުރުގުއޭގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. މީގެއިތުރުން މެޗުގެ ފަހުވަގުތުކޮޅުތެރޭ ކުއަރެސްމާ ފޮނުވާލި ހަމަލާ ދިފާއުކުރީ އުރުގުއޭގެ ކީޕަރު މުސްލޭރާއެވެ.

އުރުގުއޭ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުން މޮޅުވެ މުބާރާތުގެ ކުއާޓާފައިނަލަށް އުރުގުއޭ އިން ދަތުރުކުރިއިރު، މިއީ 1930 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ފުރަތަމަ ހަތަރު މެޗުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ މުބާރާތުގެ ކުއާޓާއަށް ނުގޮސް ޕޯޗުގަލް ޖެހިޖެހިގެން ކެޓި ތިންވަނަ ފަހަރެވެ.

މުބާރާތުގެ ކުއާޓާގައި އުރުގުއޭ ބައްދަލުކުރާނީ އާޖެންޓީނާގެ މައްޗަށް ކުރި ހޯދި ފްރާންސްއާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ސިނެކް

  ޓވމ ވެސް ހިތްވެސް ހުއްޓިއްޖެ

 2. އަހުމަދު

  އަދި މަރަޑޯނާވެސް...

 3. ޙަހަހަހަހަ

  ދެ ޓީމް އެއްކޮށް މަސްވެރިކަން ކުރަން ނިކުމޭ އެބަ

 4. ާއަހަރުން

  މެސީ އަދި ރޮނާލްޑޯ އަށް ޢިހްތިޜާމް ކުރުން އެދެން.... މުބާރާތުން ކަޓާގެން ދިޔަޔަސް އެދެ ކުޅުން ތެރިން ނަކީ ހަމަ އެއްވަނަ .. ވެދުން.. އަދި މުޅަ މަސް ކާކުދިން ވީހާވެސް ގިނަ އިން ކެޔުން އެދެން .. ސުކުރު..?

 5. ވޭލްޝާރކް

  މެސީއާއެކު ދާކަށް ނުޖެހޭ..

  • އަހަރެން

   އަހަންނަކަށް މެސީ އެއް ނުކަޓާނެ ދުވަހަކުވެސް

 6. ނަންނުކިޔާ

  ވަކި މެސީ އާއެއްކޮންނެއް ނޫން ދާން ޖެހުނީކީ....އޮޒިލް އާ، އިސްކޯއާ ، އިނިއެސްޓާ އާ ހުރިހާމެންނާއެއްކޮށް ދާންޖެހުނީ....ވަކި މެސީ ނަންނުކިޔާ ކެޓި ހުރިހާ މީހުން ލައިގެން ކިޔާ...