އަލީ އަޝްފާގު (ދަގަނޑޭ) އަކީ މި ސަރަހައްދުގައި ހިމެނޭ އެންމެ މޮޅެތި ކުޅުންތެރިންތަކުގެ ތެރެއިން އެކަކު ކަމަށާއި އެއީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް ކަމަށް އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފިއެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފަސް ގައުމުގެ ކެޕްޓަނުންނަށް ހާއްސަކޮށް ގެނެސްދޭ ވީޑިއޯ ސެގްމެންޓުގައި ޗެތްރީ މިހެން ބުނެފައިވަނީ އޭނާއަށް ކުރިމަތިލި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

މި ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކާކުތޯ އެހުމުން ޗެތްރީ ބުނީ އިންޑިއާ އަކީ ސާފްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާތީ އެ ޓީމުން މޮޅު ކުޅުންތެރިއެއްގެ ވާހަކަ ނުދައްކާނެ ކަމަށެވެ. އަދި އެހެން ޓީމެއްގެ ވާހަކަ ދައްކާނަމަ އެ ކުޅުންތެރިއަކީ ދަގަނޑޭ ކަމަށް ޗެތްރީ ބުންޏެވެ.

"ރާއްޖޭގެ އަލީ އަޝްފާގަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް، އޭނަ އެންމެ މޮޅަށް ކުޅުނު ދުވަސްވަރު ތަފާތު މޮޅަށް ކުޅުނު، އިންޑިއާ އާއި ދެކޮޅަށް ކުޅޭ ކޮންމެ ފަހަރަކު ވަރަށް އުނދަގޫ އޭނާ ހުއްޓުވަން. ކޮންމެ ފަހަރަކު އޭނަ ކުޅޭތަން ވަގުތުން ފެންނައިރު ނޫނީ ވީޑިއޯއެއް ފެންނައިރު އެއީ ހަމަ ތަފާތު ހުނަރެއް ހުރި ކުޅުންތެރިއެއް" ޗެތުރީ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޗެތްރީ ވަނީ އިންޑިއާގެ ފުޓުބޯޅަ ލެޖެންޑް ބައިޗުން ބުޓިއާ އާއި ދަގަނޑޭގެ ނަން ހިމަނައިފަ އެވެ. އަދި އެ ތަނުން އެއް ކުޅުންތެރިއަކު ނަގާނަމަ އިހުތިޔާރު ކުރާނީ ބުޓިއާ ކަމަށް ޗެތުރީ ބުންޏެވެ.

މި އިންޓަވިއުގައި ޗެތްރީ ވަނީ ރާއްޖޭގައި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާތީ އެކަން ފާހަގަކޮށްފައެވެ. ޗެތުރީ ބުނީ މިހާރު އޮތް ހާލަތުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށާއި މި މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސާފްގެ އިސް ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ކާމިޔާބީ އެދޭ ކަމަށެވެ.

ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ދަގަނޑޭ ވަނީ މިހާތަނަށް 20 ލަނޑު ސާފް ޗެމްޕިއަންޝިޕުގައި ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ތާރީހުގައި ޗެތްރީ ހިމެނެނީ މި ލިސްޓުގެ ދެވަނައިގައެވެ. އެއީ ޖުމްލަ 13 ލަނޑު ޖަހައިގެންނެވެ.

ޖުމްލަ ފަސް ގައުމާއެކު ލީގު އުސޫލުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ. މިފަހަރުގެ މުބާރާތުގައި އިންޑިއާއިން ވާދަކުރަނީ އެ ގައުމުގެ އެންމެ ސީނިއާ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިހިހިހި

    ކަންތަކާ ލައިގަތީ

    16
    2
  2. ޖުއްބާ

    އަޝްފާގަކީ އާދަޔާހިލާފު ކުޅުންތެރިއެއްނަމަ އޭނަ މިހާރު ހުންނާނީ މިސުރުގެ ހުސެން ސޮލާހާ އެއްހަމައެއްގަ ޔޫރަޕު ލީގުގަ. މިރާއްޖޭގަ ފައިގަތަޅާ ކުޅޭކައްނޫން ހުންނާނީ...

    26
    15
  3. ހާލަންޑް

    ތި ދަގޭ ތި މިހާރު ސުުމެއްގެ ގޮލައެއް
    ކަމެއް ވަނީކީ ނޫން ބަރުހެލި ކަމުުން

    12
    22
  4. އަލީ

    އާދަޔާ ހިލާފުގެ މާނަޔަކީ މިސްރުގެ ހުސެން ސަލާހްގެ މަގާމުގަ ހުރުންތަ؟؟ ނޫނީ ޔޫރަޕްގަ ހުރުންތަ؟؟

    16
    8
  5. ޕޮއްއް

    ޖޭވިޔަސް ބޮޑުވަރު

    19
    8