ތަޖކިސްތާނުގައި ބާއްވާ މި ފަހަރުގެ އޭޝިއަން ކަޕުގެ ކޮލިފައިންގެ މެޗުތަކުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު އެ ގައުމަށް ފުރައިފިއެވެ.

މިއީ ވޭތުވެދިޔަ 11 އަހަރަށްފަހު ރާއްޖޭގެ އަންހެން ފުޓުބޯޅަ ތީމު އޭޝިއަން ކަޕް ކޮލިފައިންއެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެންމެފަހުން ގައުމީ އަންހެން ޓީމު ކޮލިފައިންގައި ވާދަކުރީ 2010 ވަނަ އަހަރުގައެވެ. މިއީ އޭޝިއަން ކަޕް އަންހެން ކޮލިފައިންގައި ރާއްޖެ ވާދަކުރާ ތިންވަނަ ފަހަރެވެ.

ކޮލިފައިންގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި ތަޖިކިސްތާން އަދި އަފްގާނިސްތާނެވެ. މީގެތެރެެއިން އަފްގާނިސްތާން ގައުމީ ޓީމު ވަނީ މިހާރު ކޮލިފައިން އިން ވަކިވެފައެވެ.

ތަޖިކިސްތާނުގައި ކޮލިފައިންގެ މެޗުތައް ކުރިޔަށްދާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮލިފައިންގައި ގައުމީ އަންހެން ޓީމަށް އިރުޝާދުދޭނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

މި ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ފުޓުބޯޅަ ޓީމު ވަނީ މިދިޔަ އޯގަސްޓް މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޭމްޕްކޮށްފައެވެ. މި ކޭމްޕުގައި ގައުމީ އަންހެން ޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުން ރާއްޖެ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.