މިއަހަރު ރަޝިޔާ ގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އެމްބާޕޭ, ޕެލޭގެ 60 އަހަރުވީ ރެކޯޑާއި ހަމަކޮށްފިއެވެ.

4-3 ގެ ނަތީޖާ އަކުން އާޖެންޓީނާގެ މައްޗަށް ކުރި ހޯދައި ކުއާޓާ ފައިނަލާއި ހަމައަށް ފްރާންސް ދަތުރު ކުރި މެޗުގައި އެމްބާޕޭ ވަނީ ފްރާންސް އަށް 2 ގޯލު ކާމިޔާބު ކޮށްދީފައެވެ. މިއީ 1958 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕު މެޗެއްގައި އެއް ގޯލަށް ވުރެ ގިނައިން ގޯލު ޖެހި ފުރަތަމަ ހަގު ކުޅުންތެރިޔާއެވެ.

ހަމަ އެހެންމެ އެމްބާޕޭ ވޯލްޑް ކަޕު ގުރޫޕް ސްޓޭޖުގައި ޕެރޫ އާއި ދެކޮޅަށް ޖެހި ލަނޑާއި އެކު ބޮޑު މުބާރާތެއްގައި ފްރާންސް އަށް ލަނޑެއް ކާމިޔާބު ކޮށްދިން އެންމެ ހަގު ކުޅުންތެރިޔާ އަށް އޭނާ ވަނީ ވެފައެވެ.

ނަމަވެސް ނޭމާ އަށް ފަހު ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ އަށް ލިބުނު ބޮޑު ޝަރަފަކީ ޕެލޭގެ ރެކޯޑާއި ހަމަ ކުރުމެވެ. މެޗުގެ ނަތީޖާ 2-2 އަކުން އެއްވަރު ވެފައި ވަނިކޮށް އާޖެންޓީނާ އޭރިޔާ ތެރެއިން ހުސް ޖާގަ އަށް ބޯޅަ ޖެއްސުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލުމަށްފަހު އޭނާގެ ދެވަނަ ގޯލު ފެނިގެން ދިޔައީ 4 މިނެޓު ފަހުންނެވެ.

ވޯލްޑް ކަޕު މެޗެއްގައި އެއް ގޯލަށް ވުރެ ގިނަ ގޯލު ޖެހި ރެކޯޑު ޕެލޭ ހަދާފައިވަނީ އޭނާގެ އުމުރުން 17 އަހަރުގައި 1958 ގައި ސްވެޑެން އާއި ދެކިޮޅަށް ކުޅުނު ފައިނަލް މެޗެއްގައެވެ. މި ރެކޯޑާއި އެމްބާޕޭ ހަމަ ކުރިއިރު އުމުރުން 19 ކަމުގައި ވީނަމަވެސް އެމްބާޕޭ ވަނީ އޭނާ އަކީ މިހާރުގެ އަދި ކުރިޔަށް އޮތް ތަނުގެ ތަރިއެއް ކަން ދައްކައިދީފައެވެ.