ދާދިފަހުން އާސެނަލް އާއި ގުޅުނު ނޯވޭގެ އުއްމީދީ ތަރި މާޓިން އޮޑެގާޑް ޖަހައިދިން ހަމައެކަނި ލަނޑުން ބާންލީ އަތުން އާސެނަލް މޮޅުވިއިރު އެންމެފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ސައުތެމްޓަން އެއްވަރުވެއްޖެ އެވެ.

މިއީ މިދިޔަ މަހު އޭނާ 30 މިލިއަަން ޔޫރޯއަށް ރެއާލް މެޑްރިޑް އިން އާސެނަލަށް ބަދަލުވުމަށްފަހު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ކުރިން އޭނާ އެ ޓީމަށް ކުޅުނީ ލޯނު އުސޫލުންނެވެ. ނަމަވެސް މިފަހަރު އޭނާ އާސެނަލް އާއި ގުޅުނީ ރެއާލް ދޫކޮށް އެއްބަސްވުމަކާއި އެކުއެވެ.

ރަށުންބޭރުގައި އާސެނަލް ކުޅުނު މި މެޗުގައި ބާންލީއަށް ނަތީޖާ ހަމަހަމަކުރާނެ ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕެނަލްޓީއެއް ދިނުމަށްފަހު މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ ވީއޭއާރުގެ އެހީގައި އޭނާގެ ނިންމުން ބަދަލުކޮށްފައެެވެ.

މި ލަނޑުގެ އިތުރުން އާސެނަލް ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ކުޅެފައެވެ. މިއީ ލީގުގައި އާސެނަލް މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. މި މޮޅާއެކު އެ ޓީމު ވަނީ ތާވަލުގެ 12 އަށް ޖެހިލާފައެވެ. އެއީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. އާސެނަލް އަތުން ބަލިވި ތާވަލުގެ ފުލުން ދެވަނައިގައި ކުޅުނު ފަސް މެޗުން އެއް ޕޮއިންޓާއެކު އެެވެ.
އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއާއި ސައުތެމްޓަން އެއްވަރުވި އިރު މި މެޗުގައި ސިޓީއަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މިހާރުވެސް ބޮޑެތި ފާޑުކިޔުންތަކެއް ގާޑިއޯލާ އަށް އަމާޒުވަމުން އަންނައިރު މި ނަތީޖާއާއެކު ގިނަބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ވަނީ 3-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. މި މެޗުގައި ލިވަޕޫލަށް ލަނޑުތައް ޖަހައިދިނީ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހް އަދި ކެއިޓާ އެވެ.
މި މެޗުގައި މާނޭ ޖެހި ލަނޑާއެކު އޭނާ ޕްރިމިއަރ ލީގުގައި ޖެހި ލަނޑުތަކުގެ އަދަދު ވަނީ 100 އަށް އަރާފައެވެ.