ރެލިގޭޝަނުގައި އޮތް ވީއެފްއެލް ބޮކުމް ބަލިކޮށް ޖަރުމަނު ލީގުގައި ރޭ 7-0 އިން ބަޔާން މިއުނިކް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.

މި މޮޅާއެކު ބަޔާން މިއުނިކް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ހިމެނެނީ ވުލްފްސްބާގް އެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ.

މިއީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ހިތްދަތިގޮތަކަށް ބަލިކުރި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗާއި ކުރިމަތިލިއިރު އެ ޓީމުން ވަނީ ތިން ބަދަލެއް ފުރަތަމަ އެގާރައަށް ގެނެސްފައެވެ.

ބަޔާން ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ ލެރޯއި ސާނޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާން އިން ހަތަރު ލަނޑެއް ޖެހިއިރު މި މެޗުގައި އެ ޓީމަށް ދެން ލަނޑު ކާމިޔާބުކޮށްދިނީ ޖޮޝުއާ ކިމިޗް އާއި ސާޖް ގްނަބްރީ އެވެ. ދެން ޖެހި ލަނޑަކީ ބޮކުމްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ބަޔާންގެ ފަސްވަނަ ލަނޑު ޖެހީ 61 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮސްކީ އެވެ. މިއީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ލަނޑު ޖަހަމުން އައި 13 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އެ ޓީމުގެ ދެން ހުރި ދެ ލަނޑު ޖެހީ ކިމިޗްގެ ބަދަލުގައި ކުޅެން އެރި ޗޮޕު މޯޓެން އެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ވުލްފްސްބާގް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ.