އާޖެންޓީނާގެ މެދުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އޭސީ މިލާންގެ މިޑްފީލްޑަރު ލޫކަސް ބީގްލިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ވޯލްޑްކަޕްގެ ގަދަ 16 ގައި ރޭ ފަރެންސޭސިވިލާތާއި ދެކޮޅަށް ކުޅެ ވޯލްޑްކަޕާއި އަލްވަދާއު ކިޔަން ޖެހުނު މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ބިގްލިއާ ބުނީ މިއީ ގޮތް ދޫކޮށް ގައުމީ ޓީމަށް ކުޅުމުން އެއްފަރާތްވާން ވީ ވަގުތު ކަމަށާއި މިއީ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް އާޖެންޓީނާ އާއި ހަވާލުވުމަށް ފުރުސަތުދޭންވީ ވަގުތު ކަމަށެވެ.

އުމުރުން 32 އަހަރުގެ ބިގްލިއާ އާޖެންޓީނާގެ ގައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2011 ވަނަ އަހަރުއެވެ. އާޖެންޓީނާއާއި އެކު 58 މެޗު ކުޅެދީފައިވާ ބިގްލިއާ އަކީ މީގެ ކުރިން އިޓަލީގެ ލާޒިއޯއަށްވެސް ކުޅެދީފައިވާ ކުޅުންތެރިއެކެވެ.

ބިގްލިއާ އާޖެންޓީނާއަށް ކުޅުން ހުއްޓާލާފައިވާއިރު ފްރާންސް އަތުން ބަލިވެ ވޯލްޑްކަޕާއި އަލްވަދާއު ކިޔަން ޖެހުމުން އާޖެންޓީނާއަށް 15 އަހަރު ކުޅެދިނުމަށްފަހު އެ ގައުމުގެ ތަޖުރިބާކާރު މިޑްފީލްޑަރ ހާވިއޭ މަޝަރާނޯ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

އާޖެންޓީނާއާއި އެކު 2006، 2010، 2014 އަދި 2018 ގެ ވޯލްޑްކަޕް ވެސް ކުޅެދީފައިވާ މަޝަރާނޯ އާޖެންޓީނާއަށް ފުރަތަމަ މެޗެއް ކުޅެދިނީ 2003 ވަނަ އަހަރުގައެވެ. އަދި އޭނާ ވަނީ އާޖެންޓީނާއަށް 145 މެޗު ކުޅެދީފައެވެ. މިހާރު ޗައިނާގެ ހެބެއި ޗައިނާ ފޯޗިއުން އެފްސީއަށް ކުޅެމުން އަންނަ މަޝަރާނޯއަކީ މީގެ ކުރިން އާޖެންޓީނާގެ ކެޕްޓަންކަންވެސް ކުރި ކުޅުންތެރިއެކެވެ،

ކިޔުންތެރިންގެ ހިޔާލު