ބެންޗުން އަރާ ލިންގާޑް ކާމިޔާބުކުރި ލަނޑާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމް އަތުން ފަހަތުން އަރާ މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑު ކާމިިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑު މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު އެވެ.

މި މޮޅާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ވެސްޓް ހޭމް އޮތީ ތާވަލުގެ އަށްވަނައިގައެވެ. އެއީ ކުޅުނު ފަސް މެޗުން 8 ޕޮއިންޓާއެކު އެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ވެސްޓްހޭމް އެވެ. މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައިދް ބެންރަހްމާ އެވެ. މިއީ ޖެރާޑް ބޮވެންގެ އެހީއާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ޔުނައިޓެޑުން ދިޔައީ ގޭމުގެ ތެރެއަށް ވަދެ ކުރިޔަށްޖެހި ލަނޑެއް ޖަހަން ވަރަށް މަސައްކަތްކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ވެސްޓްހޭމް އިން ލަނޑެއް ޖެހިތާ ފަސް މިނެޓުފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ބްރޫނޯ ފެނާންޑޭޒް އޭރިއާތެރެއަށް ނަގައިދިން ބޯޅައެއް ހޯދައިގެން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ވެސްޓްހޭމް އިން އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި އެޕީލްކުރި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ސައްހަ ލަނޑެއް ކަމަށެވެ.

މިއީ ޔުނައިޓެޑާއި ގުޅުމަށްފަހު ރޮނާލްޑޯ ކާމިިޔާބުކުރި ހަތަރުވަނަ ލަނޑެވެ. ޔުނައިޓެޑަށް އެނބުރި އައިސް އޭނާ މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައިވެއެވެ. ފުރަތަމަ ހާފު ނިމުނީ ނަތީޖާ ހަމަހަމަވެގެންނެވެ.

ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ޕޮގްބާގެ ބަދަލުގައި ލިންގާޑް ކުޅެން އެރިއެެވެ. މެޗުގައި ޔުނައިޓެޑުގެ މޮޅުވި ލަނޑުވެސް ކާމިޔާބުކޮށްފަައިވަނީ އޭނާއެވެ. ނެމަންޖާ މަޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ލިންގާޑް މި ލަނޑު ކާމިޔާބުކުރި އިރު އޭނާ މި ލަނޑު ޖެހީ 89 ވަނަ މިނެޓުގަައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން ޔުނައިޓެޑުގެ ލޫކް ޝޯ އަތުގައި ބޯޅަ ޖެހުމުން ވެސްޓްހޭމް އަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މާކް ނޯބަލް ފޮނުވާލި މި ހަމަލާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑު ދެން ބައްދަލުކުރާނީ އެސްޓަންވިލާ އާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ.