ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލިފަހުން އެ ޓީމު ކުޅުނު ހަތަރުވަނަ މެޗުގައި އޭސީ މިލާނާއި އެއްވަރުވެ ޓީމު އިތުރު ހާސްކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މި ނަތީޖާއާއެކު ޔުވެންޓާސް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުލިބެއެވެ. އެއާއެކު އެ ޓީމުގެ ކޯޗު އެލެގްރީއަށް އިތުރު ޕްރެޝަރުތަކަކާއި ވަނީ ކުރިމަތިވެފައެވެ. ބެލެވޭގޮތުގައި އޭނާ ކޯޗުކަމުން ވަރަށް އަވަހަށް ވަކިކުރާނެ އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމު އޭސީ މިލާނާއި އެއްވަަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސް މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އެއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ދެ މެޗުން އެއްވަރުވެގެންނެވެ. އެއާއެކު ޔުވެންޓަސްއަށް ވަނީ ރެލިގޭޝަނުގެ ބިރު ކުރިމަތިވެފައެވެ.

މިއީ ޔުވެންޓަސްގެ ކުލަބް ތާރީހުގައި އެ ޓީމުން މިހާތަނަށް ލީގު ފެށި އެންމެ ދަށް ފަހަރެވެ. މި މެޗުގެ ކުރީކޮޅު ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. މިލާނުން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 76 ވަނަ މިނެޓުގައި ސަންޑްރޯ ޓޮނާލީ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗް އެވެ.