ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިގެން ދިޔުމަކީ ބްރެޒިލް ވިސްނަން ޖެހޭ ކަމެއް ކަމަށް ބްރެޒިލް އަދި ރިއަލް މެޑްރިޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ކަސެމީރޯ ބުނެފިއެވެ.

26 އަހަރުގެ ކަސެމީރޯ ބުނާގޮތުން އޭނާ އާއި އޭނާގެ ޓީމު ދެވަނަ ބުރުގައި މެކްސިކޯ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން އެއް ވެސް ވަރަކަށް މޮޅު ވާނެ ކަމަށް ޔަގީން ކޮށްގެން ނުތިބޭނެ އެވެ، ހަމަ އެހެންމެ ބްރެޒިލް އަކީ މިފަހަރުގެ ވޯލްޑް ކަޕު ފެވަރިޓުންގެ ގޮތުގައި ވީނަމަވެސް އެކަމަކީ ވެސް ބޮލުގެ ތެރެއިން ފޮހެލަން ޖެހޭ ކަމެކެވެ.

"ޖާޒީ އަކުން މެޗު ކާމިޔާބު ނުކުރެވޭނެ. ޖަރުމަނަށް ބަލާއިރު، މޮޅު ކުޅުންތެރިން އެކުލެވިގެންވާ ޓީމު އަދި ގިނަ ބައެއްގެ ސަޕޯޓު ލިބުނު ޓީމު ކެޓީ ގުރޫޕް ސްޓޭޖުން،" ކަސެމީރޯ ބުންޏެވެ.

ދެކުނު ކޮރެއާ ޖަރުމަނު ވޯލްޑް ކަޕުން ކަޓުވާލި އިރު ޖަރުމަނު އޮތީ ގުރޫޕް ސްޓޭޖުގެ އެންމެ ފަހަތުގައެވެ.

ކަސެމީރޯ ބުނެފައި ވަނީ މެކްސިކޯ ބަލި ކުރަން ކުޅެން ޖެހޭނީ މޮޅު ފުޓުބޯޅަ އެއް ކަމަށާއި ރިއަލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ތަށި ނަގައި ދިނުމަށް ފަހު މެކްސިކޯ އާއި ދެކޮޅަށް ނިކުންނައިރު އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ ކަމަށެވެ.

"އަހަރެން ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެ، ތަށި ކާމިޔާބު ކޮށްފިން. މިހާރު ވޯލްޑް ކަޕުގައި ކުޅުމަކީ ވެސް ހުވަފެނެއް، އަހަރެން މިހުރީ ވަރަށް އުފާވެފައި" ކަސެމީރޯ ބުންޏެވެ.

ވޯލްޑް ކަޕުގެ ކުރިން މެކްސިކޯ ބައިވެރިވި ބޮޑު 15 މުބާރާތުގައި ދެކުނު އެމެރިކާގެ ޓީމެއްގެ އަތުން މެކްސިކޯ އަށް މޮޅެއް ލިބިފައި ވަނީ 2002 ވަނަ އަހަރު އެކުއަޑޯރ އަތުންނެވެ.