އަންނަ މަހު މާލޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާއެކު މުބާރާތުގެ ނަމަކަށް ދެން ކިޔާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" އެވެ. މިއީ ރާއްޖޭގެ ޓެލެކޮމް ކުންފުންޏަކުން މިހާތަނަށް އެއްބަސްވި އެންމެ ބޮޑު މުބާރާތެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ބައްސާާމް ވިދާޅުވީ އުރީދޫއަކީ އަބަދުވެސް އެފްއޭއެމާ ވަރަށް ގާތުން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި ފުޓްބޯޅައިގެ ކުރިމަގަށްވެސް އުރީދޫން ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކަމަށާއި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މި އުފާވެރި ކާނިވަލުގައި ބައިވެރިވުމަށް އުރީދޫން ޓައިޓަލް ސްޕޮންސާޝިޕް ނެގުމުން، ދިވެހި ފުޓްބޯޅަ އާއިލާގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް އެ ކުންފުންޏަށް ދަންނަވާ ކަމަށެވެ.

އުރީދޫއާއި އެފްއޭއެމް އެއްބަސްވުމުގައި ސޮއިކުރަނީ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫއަކީ އަބަދުވެސް ކުޅިވަރަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެއް ކަމަށާއި، އެގޮތުން ފުޓްބޯޅައަކީ އުރީދޫ ގްރޫޕުގައިވެސް ވަރަށް މަގުބޫލު ކުޅިވަރެއް ކަމަށެވެ. އަދި އެފްއޭއެމާއެކު ވެވުނު އެއްބަސްވުން ދެކެނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށާއި، އެގޮތުން މިފަދަ މުބާރާތެއް މި ދަނޑިވަޅުގައި ރާއްޖޭގައި ބޭއްވުމުން ދިވެހިންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށްވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ ދެ ފަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސުޒުކީ އެވެ. އެއީ 2015 އަދި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. ސުޒުކީ އާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ. މިއީ އޭގެފަހުން ޓައިޓަލް ސްޕޮންސަރ ނެގި ފުރަތަމަ ކުންފުންޏެވެ.

މުބާރާތް ފެށެން ކުޑަތަންވެފައިވާއިރު މިއަހަރުގެ މުބާރާތުގެ ތީމް އެއްގެ ގޮތުގައި ހަމަޖަައްސާފައިވަނީ "މަގޭ މަހަލްދީބް" އެވެ. މި ނަމުގައި ޕްރޮމޯޝަންގެ ހަރަކާތްތައް ބާއްވާއިރު ސްލޯގަންގެ ގޮތުގައި ބޭނުންކުރާނީ "ތިންވަނަ ފަހަރު، މީ އެ ފަހަރު" އެވެ.

ލީގު އުސޫލުން ޖުމްލަ 5 ގައުމެއް މި މުބާރާތުގައި ވާދަކުރާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގެ ރޭގަނޑު ބައްދަލުކުރާނީ ނޭޕާލް އާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޭ

    ބައްސާމް އަށް ވެދުން ސަލާމްއަށްފަހު ދަންނަވަމެވެ.
    ތިޔޮއް ލޯގޯއެއް ދޯއެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު ތިއީ މިޒަމާނުގެ ގޮތުން ބަލާނަވެސް ތިޔާއީ އައުގުރާނަ ހަޔާތެކެވެ.
    ވީމާ ، މި ބުނި އެއްޗެއް ފަހުމްވާނެކަމަށް އުއްމީދު ކުރަމުން ކުރުކޮށްލާނަމެވެ.
    ވ. ސަލާމް.