ގަތަރުގައި ރާއްޖޭގެ ގައުމީ ޓީމު މިހާރު ކުރިޔަށްގެންދާ ކޭމްޕުގެ ތެރެއިން އެ ގައުުމުގެ ދެ ކުލަބަކާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހިއްޖެ އެވެ.

މީގެކުރިން ގަތަރަށް ފުރުމުގެ ކުރިންވެސް ގައުމީ ކޯޗު ވަނީ އެ ގައުމުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅޭނެކަން ހާމަކޮށްފައެވެ. އެއީ ލަންކާގެ އިތުރުން އިތުރު ދެ ޓީމަކާއެކު އެވެ.

އަންގާރަ ދުވަހު ނުވަތަ މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ގަތަރުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލުސައިލް އެފްސީއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހު 25 ވަނަ ދުވަހު ބައްދަލުކުރާނީ ގަތަރުގެ އެހެން ޓީމަކާއެވެ.

ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަމުން އަންނަ އެސިސްޓަންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) އެވެ. އެއީ ހެޑް ކޯޗު ސުޒެއިން ކޮވިޑަށް ފައްސިވުމުގެ ސަބަބުން މި ދަތުރުގައި ބައިވެރިނުވެވޭތީ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ގަތަރުގައި ކޭމްޕުކުރުމަށްފަހު ދިވެހި ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ.

ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ކުރިޔަށްދާނީ އޮކްޓޯބަރު 1 އިން 16 ގެ ނިޔަލަށެވެ. ރާއްޖޭގެ އިތުރުން ހަތަރު ޓީމެއް ދެން މި މުބާރާތުގައި ވާދަކުރެއެވެ. ވާދަނުކުރަނީ ބޫޓާނާއި ޕާކިސްތާނެވެ.

މުބާރާތް ފެށެން ކުޑަތަންވެފައިވާއިރު މިއަހަރުގެ މުބާރާތުގެ ތީމް އެއްގެ ގޮތުގައި ހަމަޖަައްސާފައިވަނީ "މަގޭ މަހަލްދީބް" އެވެ. މި ނަމުގައި ޕްރޮމޯޝަންގެ ހަރަކާތްތައް ބާއްވާއިރު ސްލޯގަންގެ ގޮތުގައި ބޭނުންކުރާނީ "ތިންވަނަ ފަހަރު، މީ އެ ފަހަރު" އެވެ.

ލީގު އުސޫލުން ޖުމްލަ 5 ގައުމެއް މި މުބާރާތުގައި ވާދަކުރާއިރު ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގެ ރޭގަނޑު ބައްދަލުކުރާނީ ނޭޕާލް އާއެވެ.