ވޯލްޑް ކަޕު ދެވަނަ ބުރުގައި ރޭ ފްރާންސް އަދި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ބެލުންތެރިންނަށް އެންމެ ކަމުދިޔަ އެއް މަންޒަރަކީ ޕައުލް ޕޮގްބާ ޖެހި ހިލޭޖެހުމާއި މެދު އޭނާގެ ބޭބެމެން ހިތްހަމަ ނުޖެހިފައި ތިބި މަންޒަރެވެ.

ފްރާންސް ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު މެޗުގެ އެންމެ ވިދާލި ކުޅުންތެރިޔަކީ އެޓީމުގެ ޒުވާން ފޯވާޑު ކިލިއަން އެމްބާޕޭ އެވެ. އޭނާގެ ބާރު ސްޕީޑުގެ ސަބަބުން ޕެނަލްޓީ އެއް ލިބުމުގެ އިތުރުން އެމްބާޕޭ ވަނީ ވޯލްޑް ކަޕު މެޗެއްގައި އެއް ލަނޑަށް ވުރެ ގިނަ ލަނޑު ކާމިޔާބު ކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ޕެލޭ އާއި ހަމަ ކޮށްފައެވެ.

ވޯލްޑް ކަޕުގެ އެންމެ ރީތި ގޯލަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެގޯލު ފެނިގެންދިޔަ މިމެޗުގައި ޕޮގްބާގެ ހިލޭޖެހުމާއި މެދު އޭނާގެ ބޭބެ މެންގެ މޫނަށް އައި ކުލަވަރު ދެއްކި މަންޒަރު ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައެވެ. އެގޮތުން ފުރަތަމަ ހާފްގެ ކުރީކޮޅު ލިބުނު މި ހިލޭޖެހުން ޕޮގްބާ ފޮނުވާލުމުން ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މި ހިލޭޖެހުމާއެކު ކެމެރާތައް ވަނީ ޕޮގްބާގެ ދެ ބޭނެ ކަމަށްވާ މަތިއަސް އަދި ފްލޮރެންޓިން ޕޮގްބާ އާއި ދިމާލަށް އަމާޒު ވެފައެވެ.

އެމަންޒަރުން ފެނިގެން ދިޔައީ ޕައުލް ޕޮގްބާގެ ހިލޭޖެހުން މަތިން ދިޔުމުން ބޭބެ މެން ރުޅި އައިސްގެން ތިބި މަންޒަރެވެ. ޕޮގްބާ އަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ފްރާންސް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރުމަކީ އެމީހުންނަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.