އިނގިރޭސި ލީގު ކަޕުގައި ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީން ލީގު ކަޕުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ލިވަޕޫލް މޮޅުވީ ނޯވިޗް ސިޓީއާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ އަދި މެންޗެސްޓަރ ސިޓީ މޮޅުވެފައިވަނީ ވައިކަމްބް އާއި ވާދަކޮށް ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމަށް ލީޑުނަގައިދިން ލަނޑު މެޗުގެ ފަށައިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯއެވެ. ފުރަތަމަ ހާފު މި ނަތީޖާގައި ނިމުނުއިރު ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީ އެވެ. އޭނާ މި ލަނޑު ޖެހީ ކޮސްޓަސް ސިމިކާސް ނަގައިދިން ހުރަހަކުންނެވެ.

މެޗުގައި ލިވަޕޫލްގެެ ތިންވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ މިނަމީނޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޗެމްބަލެއިން ތަނަވަސްކުރި ފުރުސަތަކުންނެވެ. މިއީ މި ސީޒަނުގައި ލިވަޕޫލުގެ ޖާރޒީގައި މިނަމީނޯ ކުޅުނު ފުރަތަމަ މެޗެވެ.

ސިޓީއާޢި ވައިކަމްބް ބައްދަލުކުރި މެޗުގެ ތެރެއިން

ބޮޑު ތަފާތަކުން މެންޗެސްޓަރ ސިޓީ މޮޅުވި މެޗުގެ 22 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލީޑުނެގީ ވައިކަމްބް އެވެ. އެ ޓީމަށް މި ލަނޑު ކާމިިޔާބުކޮށްދިން ކުޅުންތެރިއަކީ ބްރެންޑަން ހަންލަން އެވެ. މި ހާފު ނިމުމުގެ ކުރިން މެޗުގެ 29 ވަނަ މިނެޓުގައި ކެވިން ޑިބްރައިނާ އަދި 43 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް އަދި ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ފިލް ފޯޑެން ޖެހި ލަނޑުތަކުން ސިޓީ ވަނީ ތިން ލަނޑު ޖަހާފައެވެ.

މެޗުގެ ދެ ވަނަ ހާފްގައި ސިޓީގެ އަނެއް ތިން ގޯލު ޖެހީ މަހްރޭޒް، ފެރާން ޓޮރޭޒް އަދި ކޯލް ޕާމާ އެވެ. މެޗުގެ ފަހުކޮޅު ސިޓީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

އިނގިރޭސި ލީގު ކަޕުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބާންލީ 4-1 އިން ރޮޗްޑޭލް ބަލިކުރިއިރު ވޮޓްފޯޑް އަތުން 3-1 އިން ސްޓޯކް ސިޓީ ވަނީ މޮޅުވެފައެވެ. އެވަޓަން އަނެއްބުރަށް ދިޔައީ ޕެނަލްޓީގައި 7-8 އިން ކިއުޕީއާރު ބަލިކޮށްގެންނެވެ.