އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ވެސްޓްހޭމް އަތުން ބަލިވެ މި ސީޒަނުގައި ވިދާލާނެ ކަމަށް ބެލެވުނު މެންޗެސްޓަރ ޔުނައިޓެޑު މުބާރާތާއި އަލްވަދާއު ކިޔައިފިއެވެ.

ވެސްޓްހޭމް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑު ކުޅުނު މި މެޗުން ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރޮނާލްޑޯ ނުކުޅެއެވެ. މިއީ އޭނާ ޔުނައިޓެޑަށް ކުޅެން ފެށި ފަހުން ނުކުޅެ ދޫކޮށްލި ފުރަތަމަ މެޗެވެ. ރިޕޯޓުތައް ބުނާގޮތުން މި މެޗުގައި ރޮނާާލްޑޯ ބޭނުންނުކުރީ ކުރިޔަށް ހުރި ވަރުގަދަ މެޗުތަކުގައި އޭނާ ބޭނުންކުރުމުގެ ގޮތުންނެވެ.

މެޗުގައި ވެސްޓްހޭމް އިން ލަނޑުޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. މި ލަނޑު އެ ޓީމަށް ކާމިިޔާބުކޮށްދިނީ އާޖެންޓީނާއަށް ކުޅެމުން އަންނަ މެނުއެލް ލަންޒިނީ އެވެ. އޭނާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މި ނޫނަސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އޭނާ ތަނަވަސްކުރި އެވެ.

މުޅި މެޗު ކަހަަލަ ގޮތަކަށް ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ކުޅެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ. މުޅި މެޗުގައިވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ އެ ޓީމުންނެވެ.

އިނގިރޭސި ލީގު ކަޕުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް، ޗެލްސީ ލެސްޓާ ސިޓީ އަދި ޓޮޓެންހަމް ވަނީ ތިންވަނަ ބުރުގައި ކުޅުނު މެޗު ކާމިިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ.

އާސެނަލް މޮޅުވީ އޭއެފްސީ ވިންބަލްޑަން އަތުން 3-0 ގެ ނަތީޖާއަކުންނެވެ. ލަނޑުތައް ކާމިޔާބުކޮށދިނީ އެލެކްސެންޑަރ ލަކަޒޭޓް އާއި އެމިލް ސްމިތް ރޯވް ގެ އިތުރުން އެޑްވާޑް ނިކެޓިއާ އެވެ.

ޗެލްސީ ހަތަރުވަނަ ބުރަށް ދިޔައީ އެސްޓަންވިލާ އާއި ދެކޮޅަށް ޕެނަލްޓީ ޖަހައިގެންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުގެ ސަބަބުންނެވެ. ޕެނަލްޓީ ޖަހައިގެން ޗެލްސީ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.