އަންނަ މަހު ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖައްސައިފިއެވެ.

ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމީޔާތެއްގައެވެ. މިއީ ގައުމީ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް ރާއްޖޭގެ ކުންފުންޏެއް ހަމަޖެއްސި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރާނެ ޖާޒީ ޕްރިންޓްކޮށް ތައްޔާރުކުމުގެ ހުރިހާ މަސައްކަތެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

މިފަހަރުގެ މުބާރާތުގައި ގައުމީ ޓީމު ބޭނުންކުރާނެ ޖާޒީއަށް ޕްރީ-އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހު އެ ފުރުޞަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖާޒީއަށް ޕްރީ-އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކުން 9721111 އަށް ވައިބަރ ކުރުމަށް އައިލެންޑް އެޕެރެލްސް އިން އެދެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކުރާ ޖާޒީ ރަސްމީކޮށް އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ޚާއްސަ އިވެންޓެއްގައެވެ.

ޖާޒީ ފަރުމާކޮށް ޑިޒައިންކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު ޢަބްދުﷲ ނަޝާތު އެވެ.