އަންނަ މަހު މާލޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ރާއްޖޭގެ އޮފިޝަލް ފޮޓޯގްރާފް ޕާޓްނަރުންނަށް "ވަގުތު" އަދި "މިހާރު" ނޫސް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ކިޔުންތެރިންގެ މެދުގައި އެންމެ މަޤްބޫލް އޮންލައިން "ވަގުތު" މުބާރާތުގެ އެލްއޯސީ (ލޯކަލް އޮގަނައިޒިން ކޮމިޓީ) ނުވަތަ ރާއްޖޭގައި މުބާރާތް އިންތިޒާމުކުރާ އެފްއޭއެމުގެ ޕާޓްނަރަކަށް ހަމަޖެހިގެންދިޔަ އިރު ވަގުތު ނޫހުން ކިޔުންތެރިންނާއި ހަމައަށް މުބާރާތުގެ ފެންވަރު ރަނގަޅު ފޮޓޯ އަދި މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިއަދު ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަގުތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރ (ސީއީއޯ) އާދަމް ނަވާޒު އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު އެވެ.

މިހާރު ނޫހާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

މުބާރާތުގެ ރީތި ފޮޓޯތަކެއް ކިޔުންތެރިންނަށް ގެނެސްދިނުމަށް ވަގުތުގެ މެނޭޖްމަންޓުން ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރާނެ އެވެ. ވަގުތު މީޑިއާއިން މިކަން ކުރަނީ ޤައުމީ ހިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ. މީގެކުރިންވެސް ވަގުތު ވާނީ ކިޔުންތެރިންނާއި ހަމަޔަށް ސާފް ޗެމްޕިއަންޝިޕުގެ ގިނަ ކަވަރޭޖުތަކެއް ގެނެސްދީފައެވެ.

ރާއްޖޭގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް ދެން ހަމަޖައްސާފައިވަނީ މިހާރު ނޫހެވެ. މިއީ މުބާރާތުގެ އޮފިޝަލް ފޮޓޯގްރާފަރުންނާއި ޖެހިގެން އޮންނަ މަޤާމެވެ. މީގެއިތުރުން މިއަދު ވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ކިޓް ޕާޓްނަރަކަށް އައިލެންޑް އެޕެރެލްސް ހަމަޖައްސާފައެވެ.