ފުޓުބޯޅަ ކުޅުންތެރިންނަކީ ވެސް އެހެން މީހުންނެކޭ އެއްފަދައިން ކުޑަ އިރު ފުޓުބޯޅަ ބަލައި މޮޅެތި ކުޅުންތެރިންނަށް ސަޕޯޓު ކުރާ މީހުންނެވެ. މަޝްހޫރު ތަރި ޒްލަޓާން އިބްރަހިމޮވިޗް ސަޕޯޓު ކުރީ ބްރެޒިލްގެ ރޮނާލްޑޯއަށެވެ. އޭނާ ފުރާ ފުރިހަމަވެ ފިޔަޖަހައި އުދުހިގަތީ ރޮނާލްޑޯ އާއި ފެންވަރުގެ ގޮތުން ގާތް ކުރާ ކުޅުންތެރިއެެއްގެ ގޮތުގައެވެ. މިހާރު އަނެއްކާވެސް އެފަދަ މަންޒަރެއް ދުނިޔޭގެ ފުޓުބޯޅައިގައި މިދަނީ ފެންނަމުންނެވެ.

ފަރަންސޭސި ވިލާތަށް ކުޅޭ އުމުރުން އެންމެ 19 އަހަރުގެ ކިލިއަން އެމްބާޕޭ އަކީ އޭނާ ކުޑަ އިރު ޕޯޗުގަލް އަދި ރެއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މަރުދިން ކުޅުންތެރިއެކެވެ. އެމްބާޕޭގެ ކޮޓަރީގައި އޭނާ ކުޑަ އިރު މުޅިންވެސް ހުރީ ރޮނާލްޑޯގެ ފޮޓޯތަކެވެ. އެއީ އޭނާގެ އުމުރުން 13 އަހަރުގައެވެ.

އަހަރުތަކެއް ފަހުން އެމްބާޕޭ ފުޓުބޯޅައިގެ މައިދާނަށް ނުކުތީ ފްރާންސްގެ މޮނާކޯއާއެކުއެވެ. މޮނާކޯއާއެކު ދެއްކި މޮޅު ކުޅުމާއި ޖެހި ތަފާތު ގޯލުތަކުން އޭނާ މުޅި ދުނިޔޭގެ ސަމާލުކަން ހޯދިއެވެ. ބޮޑު އަގުގައި ބޮޑު ކްލަބަކުން އޭނާ ގަންނާނެ ކަމަށް ގިނަ ބަޔަކު ދެކުނެވެ.

 

ކަންތައް ވެގެން ދިޔައީ ހަމަ އެހެންނެވެ. ފްރާންސްގެ ޕީއެސްޖީ އިން އެމްބާޕޭ ގެނައީ 180 މިލިއަން ޔޫރޯގެ އެއްބަސްވުމަކުންނެވެ. އެއާއެކު އޭނާއަށް ބޮޑު ކްލަބެއްގައި މޮޅު ކުޅުމެއް ދެއްކޭނެތޯ ސުވާލު އުފެދުނެވެ. ސުވާލު އުފެއްދި މީހުންނަށް މްބާޕޭ ޖަޥާބު ދިނީ އަމަލުންނެވެ. ބްރެޒިލްގެ ނޭމާ އާއިއެކު އޭނާ ވަނީ ޕީއެސްޖީގައި ވެސް ގިނަ ގޯލުތަކެއް ޖަހައި މިހާރު ދަނީ މުހިންމު ރޯލެއް އަދާ ކުރަމުންނެވެ.

މިހާރު އެމްބާޕޭ ހުރީ ފްރަންސޭސި ސްކޮޑާއެކު ރަޝިއާގައެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ވޯލްޑް ކަޕުގައި ގައުމު ތަމްސީލު ކުރާށެވެ. އުމުރުން 19 އަހަރުގެ އެއމްބާޕޭ ރޭ އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އާޖެންޓީނާގެ ޑިފެންޑަރުންނަށް އޭނާ ކޮންޓްރޯލު ނުކުރެވުނު އިރު އޭނާ ވަނީ ޓީމަށް ޕެނަލްޓީއެއް ހޯދައި ދިނުމުގެ އިތުުރުން ދެ ގޯލު ޖަހައި ޓީމު ކުއާޓާ އަށް ގެންގޮސްދީފައެވެ.

އެމްބާޕޭ ސަޕޯޓު ކުރި ތަރި ރޮނާލްޑޯ ވެސް ރޭ ވަނީ އޭނާގެ ގައުމު ކަމަށްވާ ޕޯޗުަގަލް އަށް ކުޅެފައެވެ. އެހެން ނަމަވެސް ރޮނާލްޑޯ އަކަށް އޭނާގެ ޓީމު ކުއާޓާއަކަށް ނުގެންދެވުނެވެ. ޕޯޗުގަލް ރޭ އުރުގުއޭ އަތުން ބަލިވެގެން ދިޔަ އިރު ރޮނާލްޑޯގެ ކިބައިން ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ.

އެމްބާޕޭ އަކީ އަދި ރޮނާލްޑޯ އާއި އެއްފެންވަރުގެ ކުޅުންތެރިއަކަށް ނުވި ނަމަވެސް މިހާރުއްސުރެ އޭނަ ދަނީ އޭނާ އަށް އެ ފެންވަރަށް ދެވިދާނެ ކަން ދައްކަމުންނެވެ. މިހާރު މްބާޕޭ އޭނާގެ ތަރިއަށް ވުރެ ގަދައަށް ވިދަމުންދާއިރު ގިނަ ބަޔަކު ދެކެނީ އޭނާ އެ ފެންވަރަށް މުސްތަގުބަލުގައި ދާނެ ކަމަށެވެ.