ޕެނަލްޓީގައި 3-4 އިން ސްޕެއިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ރަޝިޔާ ދަތުރުކޮށްފިއެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

ސްޕެއިން އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ 12 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ ރަޝިޔާގެ ސަރްގޭ އިގްނާޝެވިޗް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލާއެކު އުމުރުން 38 އަހަރުގެ އިގްނާޝެވިޗް އަކީ ވޯލްޑް ކަޕެއްގައި ބައިކޮޅަށް ގޯލެއް ކާމިޔާބުކުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.

ރަޝިޔާ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ގޯލަށްފަހު ސްޕެއިން އަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަޝިޔާ އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ރަޝިޔާ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ އާތަމް ޒޫބާ ކަމަށްވާއިރު މި ޕެނަލްޓީ ރަޝިޔާ އަށް ލިބުނީ ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ރަޝިޔާ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިލައިގެން ކުޅުނުއިރު ސްޕެއިން އަށް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކުރަން ވަރަށް ބޮޑަށް އުނދަގޫ ވެގެން ގޮސްފައެވެ. އެގޮތުން ރަނގަޅު ފުރުސަތެއް ސްޕެއިން އަށް ތަނަވަސްކުރެވުނީ ވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ނަމަވެސް އަސްޕާސް އާއި އިނިއެސްޓާ ފޮނުވާލި އެ ހަމަލާތައް ރަޝިޔާގެ ކީޕަރު އަކިންފީވް ވަނީ ދިފާއުކޮށްފައެވެ.

90 މިނެޓް ހަމަވިއިރު ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ އަށެވެ. ނަމަވެސް ރަޝިޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗަށްފަހު ސްޕެއިންގެ ކުޅުންތެރިން މާޔޫސްވެފައި - ފޮޓޯ: އޭއެފްޕީ

15 މިނެޓްގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި ރަޝިޔާ އިން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމިޔާބުކޮށްފައެވެ. ރަޝިޔާގެ ޕެނަލްޓީތައް ކާމިޔާބުކުރީ ސްމޮލޯވް އާއި އިގްނާޝެވިޗް އާއި ގޮލޮވިންގެ އިތުރުން ޗެރިޝޭވްއެވެ.

ސްޕެއިން އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ތިން ޕެނަލްޓީއެވެ. ސްޕެއިންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިނިއެސްޓާ އާއ ޕީކޭ އާއި ރާމޯސްއެވެ. ޕެނަލްޓީތައް ކާމިޔާބު ނުކުރެވުނީ ކޮކޭ އަދި އަސްޕާސް އަށެވެ.

2010 ވަނަ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިން މުބާރާތުން ކެޓިއިރު މިއީ ސޯވިއެޓް ޔޫނިއަން ރޫޅި، ވަކި ދައުލަތެއްގެ ގޮތުގައި ރަޝިއާ އުފެދުނު ފަހުން އެ ޤައުމު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ކުއާޓާގައި ރަޝިޔާ ބައްދަލުކުރާނީ ކްރޮއޭޝިޔާ އާއި ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 3ނިރު

    ސްޕެއިން ވަރުގަދައެއްނޫން ވަރުގަދަ ނުވީމަތާ ކަޓުވާނީ އަމިްލަޔަށް ތެޅެނީ މާރުގަދައަށް