ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ވިއެޓްނާމް އަތުން 16-0 އިން ބަލިވި މެޗާއި ކުރިމަތިލީ ފުޑް ޕޮއިޒަންވެ ޓީމުގެ ހާލަތު ވަރަށް ދެރަވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި މެޗު ކުޅުނީ ޗެލެންޖެއް ކަމުގައި ދެކިގެންކަމަށް ކޯޗު ބުނެފިއެވެ.

ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފް (ޑުންގާ) ބުނީ މުބާރާތުގައި ވާދަކުރަން ތަޖިކިސްތާނަށް އައިތާ ކުރީކޮޅު ފުޑް ޕޮއިޒަންވެ ބައެއް ކުޅުންތެރިން ވަރަށް ވަރު ދެރަވި ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަން ޖެހުނީ ވިއެޓްނާމް އާއެވެ. މި މެޗާއި ކުރިމަތިލިއިރު ޓީމު އޮތީ ދަށް ހާލަތެއްގައެވެ. އެއީ ފުޑް ޕޮއިޒަން އިން ޓީމު އެއްކޮށް ރަނގަޅުނުވާތީ އެވެ. އަދި ބައެއް ކުޅުންތެރިންނަށް ރޯގާވެސް ޖެހިފައި ތިބުމުންނެވެ.

ކޮލިފައިންގެ ގްރޫޕް ބީގައި ރާއްޖެއާއި ވިއެޓްނާމް ބައްދަލުކުރި މެޗުގައި ރާއްޖޭގެ އަންހެން ޓީމު ކޮޅަށް މި ލަނޑު ގޯނި އޮއްސާލިއިރު، ވިއެޓްނާމް އަކީ ދުނިޔޭގެ އަންހެން ފުޓުބޯޅައިގައި ވެސް ފާހަގަކޮށްލެވޭ މޮޅު ޓީމެކެވެ.

މިއީ ވިއެޓްނާމުގެ އަންހެން ފުޓުބޯޅަ ތާރީހުގައި ރެކޯޑެކެވެ. މިއީ މިހާ ފަރަގު ބޮޑުކޮށް އެ ޓީމު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

ކޮލިފައިންގެ ގްރޫޕު ބީގައި ރާއްޖެއާއެކު ދެން ހިމެނެނީ ވިއެޓްނާމާއި ތަޖިކިސްތާން އަދި އަފްގާނިސްތާނެވެ. މީގެތެރެެއިން އަފްގާނިސްތާން ގައުމީ ޓީމު ވަނީ މިހާރު ކޮލިފައިން އިން ވަކިވެފައެވެ

މިއީ ވޭތުވެދިޔަ 11 އަހަރަށްފަހު ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު އޭޝިއަން ކަޕް ކޮލިފައިންއެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެންމެފަހުން ގައުމީ އަންހެން ޓީމު ކޮލިފައިންގައި ވާދަކުރީ 2010 ވަނަ އަހަރުގައެވެ. މިއީ އޭޝިއަން ކަޕް އަންހެން ކޮލިފައިންގައި ރާއްޖެ ވާދަކުރާ ތިންވަނަ ފަހަރެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އަހުމަދު ޝަރީފް (ޑުންގާ) ގެ އިރުޝާދުގެ ދަށުން ކުޅޭ އަންހެން ފުޓުބޯޅަ ޓީމާއެކު މި މުބާރާތް ކުރިޔަށްދާނީ މިމަހުގެ 23 އިން 29 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަން ރީނދޫ

    ބޯޅަ ކަޑަކަމުން ދޯ ނުކުޅެވުނީ.

    13
  2. ބުއްދި..

    އަދިކިރިޔާ ރޭކާލީ .. އަނގައިން ނާރާތި.. ލޮލް..

    11
  3. މީހާ

    ޑުންގާ ކަލޭ ބަލިގަބޫލް ކޮއްލާ.އިތުރައް އަނގަ ނުތަޅާ.އެޔޭ މިޔޭ ކިޔާނެ ކަމެއްނެތް.

  4. Anonymous

    ތިކަހަލަ ހާލަތެއްގަ އޮތްނަމަ ހަމަޔަގީން ތިޔަ މެޗެއް ކުޅުމައް ހުއްދަވެސް ނުލިބޭނެކަން.

  5. ރެފްރީ

    ދަނޑުގެފެންވަރު ދަށްކަމުންނާއި ގަރުދިޔަ ކާންނުލިބުމާއި ހަވީރުފިނިބުރުޖަ ހަން ދަނޑުކައިރިން ސައިކަލެއްނުލިބުމާއި މެޗުކުޅުނުވަގުތު ވައިގެމިސްރާބު ހުުރިގޮތުން

    12
  6. ސުޒޭނު

    މިގައުމުގަ މަސް އަވީލާން ތިބިނަމަ މާތާހިރުވާނެ...ގައުމީ ޓީމު ޖާޒީ ލެވުނީމަ ތިބެނީ އާސްމާނުގަ...ފެންވަރެއްނެތަސް. ..

  7. އަޙްމަދު

    ހުއްޓާލާކަށް ނުވޭތޯ! ބޯޅަކުޑަ ބޮޑު، ފާސްޓް، ދަނޑު ހޫނު، ވަރަށް ފިނި، ޕްރެކްޓިސް މެޗް ނުލިބުނީ، ޓީމް އިންޖަރީ، ނުވަތަ ފުޑްޕޮއިޒަން ވުމުގެ ސަބަބުން ބަލިވީ! މިހުރިހާ ބަހަނާތަށް ދޫކޮން މިކަމާ ދުރަށްދާކަށް ނުވޭތޯ! ޤަބޫލު ކުރަންޖެހޭ ޙަޤީގަތަކީ ދިވެހި އަންހެނުންނަކީ ވަރަށް ނާޒުކު ބައެއްކަމާއި އެމީހުންގެ ލަދުވެތި ކަމަކީ އޭގެ ސަބަބުން މިކަހަލަ ކުޅިވަރު ނުކުޅެވޭނެ ބައެއްކަން ޤަބޫލުކޮށް މިކުޅިވަރުތަކުން އެމީހުން ދުރުކޮށް އެމީހުންނާއި ގުޅޭ ކުލިވަރުތަކުން އެމީހުންނަށް އޮތް ފުރުސަތު އިތުކޮށް އެކަމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ!

  8. ޝާނާ

    ފުޑް ޕޮއިޒަންވި މައްސަލަ ޖާބިރަށް ދަންނަވައިގެން ރައްޔިތުންގެ މަޖްލިސް އަށް އަވަހަށް ހުށަހަޅާ..

    މީދެން ރާއްޖޭގެ ކޯޗުން ގެ މައްސަލަ އަކީ ބަހަނާ ދަައްކާ ޖަސްޓިފައި ކުރަން އުޅުން.

    ޢޯކޭ ޔޭ ބަލި ވިޔަސް ފާޑުފާޑުގެ ބަހަނާ ނުދައްކަބަލަ.

    ދެން އަންނަ ފަހަރަކަށް ބުރަކޮށް މަސައްކަތް ކޮށް ރަނގަޅު ކުރުން އޮތީ...