ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކުރުމަށްފަހު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު އެނބުރި މާލެ އައިސް ހޮޓެލް ޖެންގައި ކޭމްޕުކޮށްފި އެވެ.

ގަތަރުގައި ކުރިޔަށްދިޔަ ތަމްރީނު ދަތުރުތަކުގެ ކުރީކޮޅު ޓީމުގެ ހެޑް ކޯޗު އަލީ ސުޒެއިން ބައިވެރިނުވެއެވެ. އެއީ ފުރުމުގެ ކުރިން ހެދި ޓެސްޓުން ކޮވިޑަށް ފައްސިވުމުންނެވެ. ނަމަވެސް 14 ދުވަހަށްފަހު ސުޒެއިން ވަނީ އެނބުރި ގަތަރަށް ގޮސް ޓީމާއި ގުޅިފައެވެ. އޭނާ ރާއްޖެ އެނބުރި އައި ޓީމާއި ގުޅުނު ފަހުން މާ ގިނަދުވަހެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގތުގައި ސާފް ޗެމްޕިއަންޝިޕް ނިމެންދެން ގައުމީ ފުޓުބޯޅަ ޓީމު ތިބޭނީ ހޮޓެލް ޖެންގައެވެ. މިގެއިތުރުން ބަންގްލަދޭޝް ގައުމީ ޓީމުވެސް ހޮޓެލް ޖެންގައި ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދެން ތިބި ޓީމުތައް ކޭމްޕުކުރަން ހަމަޖެހިފައިވަނީ މާލެއިން ބޭރުގައެވެ.

ސާފް ޗެމްޕިއަންޝިޕް ފަށަން ދުވަސް ގާތްވަމުން އަންނައިރު މުބާރާތަށް ގައުމީ ޓީމު ވަނީ ގަތަރުގައި އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައެވެ. މި ކޭމްޕުގެ ބޮޑުބައިގައި ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ. ނަމަވެސް ސުޒެއިން ދިޔައީ ޓީމުގެ ހާލަތު ގާތުން ބަލަމުންނެވެ. ޓީމާއި ގުޅުމަށްފަހު ސުޒެއިން ވަނީ ތައްޔާރީތަކާއި މެދު ހިތްހަމަޖެހޭ ކަން ހާމަކޮށްފައެވެ.

ޖުމްލަ ފަސް ގައުމެއް ވާދަކުރާ މި މުބާރާތް ރާއްޖޭގައި ކުރިޔަށްދާނީ އޮކްޓޯބަރު 1 އިން 16 ގެ ނިޔަލަށެވެ. ލީގު އުސޫލުން މުބާރާތް ކުރިޔަށްދާއިރު ޗެމްޕިއަން ޓީމު ހޮވާނީ މި ލީގު ބުރުން އެންމެ ރަނގަޅު ދެ ޓީމުގެ މެދުގައި ފައިނަލް ކުޅެގެންނެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލް އާއެވެ.