ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ އިއުލާންކޮށްފިއެވެ.

އުމުރުން 34 އަހަރުގެ އިނިއެސްޓާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވާއިރު ސްޕެއިން ރޭ ވަނީ ރަޝިޔާ އަތުން ބަލިވެ ވޯލްޑް ކަޕުން ކަޓާފައެވެ. މުބާރާތުގެ ދެވަނަ ބުރުގައި ރަޝިޔާއާ ދެކޮޅަށް ކުޅުނު އެ މެޗުން ސްޕެއިން ބަލިވީ ޕެނަލްޓީގައި 3-4 އިންނެވެ. ސްޕެއިން އިން ކާމިޔާބުކުރި ތިން ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިނިއެސްޓާއެވެ.

"ރޭގެ މެޗަކީ މިއީ އަހަރެން ގައުމީ ޓީމަށް ކުޅުނު ފަހު މެޗު. ބައެއް ފަހަރު ހުރިހާ ކަމެއް އެންމެ އުއްމީދު ކުރާ ގޮތަށް ނިމިގެން ވެސް ނުދާނެ. މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ހިތާމަވެރި ދުވަސް" ކުރިން ބާސެލޯނާ އަށް ކުޅުނު އިނިއެސްޓާ ބުންޏެވެ.

އިނިއެސްޓާ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2006 ވަނަ އަހަރުއެވެ. އޭގެފަހުން އިނިއެސްޓާ ވަނީ އެޓީމަށް 131 މެޗު ކުޅެދީ 13 ގޯލު ކާމިޔާބުކޮށްދީފައެވެ.

އިނިއެސްޓާ ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އަދި ވޯލްޑް ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން 2010 ވަނަ އަހަރު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކުރީ އިނިއެސްޓާ ކާމިޔާބުކުރި ގޯލުންކަން ފާހަގަކޮށްލެވެއެވެ.

ބާސެލޯނާގައި 22 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ސީޒަން ނިމުމުން އިނިއެސްޓާ އެ ކްލަބު ދޫކޮށްލާފައިވާއިރު އޭނާ މިހާރު ކުޅެމުން އަންނަނީ ޖަޕާނު ލީގުގެ ކްލަބެއް ކަމަށްވާ ވިސެލް ކޯބް އަށެވެ.

އިނިއެސްޓާ ވަނީ ބާސާގައި ހޭދަކުރި މުއްދަތުގައި 674 މެޗު ކުޅެދީ 32 ތަށްޓެއް އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ.