ބްރެޒިލް ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ފިލިއްޕޭ ކުޓީނިއޯ ކަމަށް މެކްސިކޯގެ ކޯޗު ހުއާން ކާލޯސް އޮސޯރިއޯ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ މެކްސިކޯ އާއި ދެކޮޅަށް ބްރެޒިލް ނިކުންނައިރު މިފަހަރުގެ މުބާރާތުގައި ކުޓީނިއޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބްރެޒިލް އިން މިހާތަނަށް މުބާރާތުގައި ކުޅުނު ތިން މެޗުގައި ކުޓީނިއޯ ވަނީ ދެ ގޯލު ކާމިޔާބުކޮށް އެއް އެސިސްޓް ހަދާފައެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން އޮސޯރިއޯ ބުނީ ބްރެޒިލްގެ ކުރިއަށް ކުޅެނީ ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށާއި ނަމަވެސް އަބަދުވެސް ތަފާތެއް ގެނެސްދޭ ކުޅުންތެރިއަކީ ކުޓީނިއޯ ކަމަށެވެ.

"ވިލިއަން އާއި ޑަގްލަސް ކޮސްޓާ އާއި ނޭމާ އަކީ ހުނަރުވެރި ކުޅުންތެރިން. އެކަމަކު ތަފާތު ގެނެސްދޭ ކުޅުންތެރިއަކީ ކުޓީނިއޯ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކުޓީނިއޯ އަކީ މެދުތެރެއަށް ވެސް އަދި ކުރިއަށް ވެސް ކުޅޭ ކުޅުންތެރިއަކަށް ވުން" އޮސޯރިއޯ ބުންޏެވެ.'

އޮސޯރިއޯ ވަނީ މުބާރާތުގެ ކުރިން ބްރެޒިލްގެ ކޯޗު ޓީޓޭއާ ބައްދަލުވުމުން ވެސް ކުޓީނިއޯގެ މޮޅުކަމުގެ ވާހަކަ ދައްކާފައިވާނެ ކަމަށްވެސް ބުނެފައެވެ.

"ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓީޓޭއާ އަހަންނާއި ބައްދަލުވި. ޓީޓޭ އަހަރެން ކައިރީ އެހި ބްރެޒިލް ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ކާކުހޭ. އަހަރެން ބުނިން އެއީ ކުޓީނިއޯ އެއީ. ބްރެޒިލްގަ ދެން ތިބި ކުޅުންތެރިންގެ ހުނަރާއި މެދު އަހަރެން ޝައްކެއް ނުކުރަން" އޮސޯރިއޯ ބުންޏެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން މެކްސިކޯގެ ކޯޗު ބުނީ ބްރެޒިލް އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު ޓީމު ކަމަށާއި ނަމަވެސް މެކްސިކޯގެ ކުޅުމުގެ ސްޓައިލަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.

"އަހަރުމެން ޑިފެންސްކޮށްލައިގެން ފަހަތުގަ މަޑުކޮށްލައިގެން ނުތިބޭނަން. އަހަރުމެން ކުޅޭނީ އަބަދުވެސް ކުޅެމުން އަންނަ ގޮތަށް. އެގޮތުން ހަތަރެއް ނޫނީ ފަސް އެޓޭކިން ކުޅުންތެރިން ޓީމުގައި ހިމަނާނަން. ވަރަށް ރަނގަޅު ކުޅުމެއް މިރޭ ޓީމުގެ ފަރާތުން ފެންނަންޖެހޭ" އޭނާ ބުންޏެވެ.

މެކްސިކޯ އާއި ބްރެޒިލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 7 ޖަހާއިރުއެވެ.